މާފަންނު ގެސްޓްހައުސްއެއްގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓްހައުސްގައި ނޭޕާލްގެ ފިރިހެނަކު ގެންގުޅޭތާ ހަތް ދުވަސްވެފައި ވަނިކޮށް ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން ރޭ ވަނީ އެ މީހާ ސަލާމަތް ކޮށްފަ އެވެ.

އެ މައްސަލާގައި ދެ މީހަކު ހައްޔަރު ކުރި އިރު އެކަކު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.

ދެވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

އެ ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ފުލުހުން ބުނީ އޭނާ ރަހީނު ކޮށްފައި ވަނީ ފައިސާ އާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. ނޭޕާލް މީހާ ރަހީނު ކޮށްގެން ހަފްތާއެއް ވަންދެން ގެންގުޅުނު ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.