ވައިގެ ދަތުރުފަތުރުގެ އުސޫލުތަކާއި ހިލާފަށް ކަމެއް ކުރާކަން ފާހަގަވެއްޖެ ނަމަ އެކަން ވަގުތުން ރިޕޯޓްކުރުމަށް ހާއްސަ އޮންލައިން ޕްލެޓްފޯމެއް ސަރުކާރުން ތައާރަފްކޮށްފި އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ޑިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ތައާރަފްކުރި އެ ޕްލެޓްފޯމްގެ ނަމަކީ "އޭވިއޭޝަން ސެކިއުރިޓީ ކޮންފިޑެންޝިއަލް ރިޕޯޓިން ސިސްޓަމް" އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު އާންމުކުރި ސާކިއުލާއެއްގައި ބުނީ ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަަމަށް ބެލެވޭ ކަމެއް ނުވަތަ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފު ކަމެއް އެއާޕޯޓްތަކުގައި ނުވަތަ ފްލައިޓްތަކުގައި ހިނގާނަމަ އެކަން ރިޕޯޓްކުރެވޭނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.
އުސޫލާ ހިލާފު ކަމެއް ހިނގާކަން، ވައިގެ ދަތުރުފަތުރާ ބެހޭ އެއްވެސް ތަނެއްގައި މަސައްކަތް ކުރާ މީހަކަށް ނުވަތަ ވައިގެ މަގުން ދަތުރުކުރާ މީހަކަށް ނުވަތަ އާންމު ރައްޔިތަކަށް ފާހަގަވެއްޖެ ނަމަ، މި ޕްލެޓްފޯމުގެ އެހީގައި އެ އިދާރާގެ ސަމާލުކަމަށް އެ މައްސަލަ ގެނެވޭނެ ކަމަށް ސާކިއުލާގައި ބުންޏެވެ.
އޭވިއޭޝަންއާ ގުޅުންހުރި ރާއްޖޭގެ ހުރިހާ އިދާރާއަކަށް މި ސާކިއުލާ ވަނީ މިދިޔަ ހަފުތާގައި ފޮނުވައިފަ އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި މި ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ރިޕޯޓް ކުރާ ފަރާތް ބޭނުންވެއްޖެ ހާލަތެއްގައި އެ މީހެއްގެ މައުލޫމާތު ހާމަނުކޮށް ވެސް މައްސަލަ ރިޕޯޓްކުރެވޭނެ ގޮތަށެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މި ޕްލެޓްފޯމް ލައިވްކޮށް، އާންމުންނަށް ބޭނުންކުރެވޭނެ ގޮތް ހަދާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.