ށ. ފޭދޫގައި ހަތަރު އަހަރުގެ ކުއްޖެއްގެ ކަރުގައި އެއް ރުފިޔާ ތާށިވެގެން މިއަދު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
މި ކުޑަކުއްޖާއަށް ރުފިޔާ ދިރުވާލެވުނީ، އިއްޔެ ހަވީރު ކާޓޫން ބަލަން ގޭތެރޭގައި އިންދައި ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ރުފިޔާ ދިރުވާލެވުމުން އެ ކުއްޖާ ފުރަތަމަ ގެންދިޔައީ، ފޭދޫ ސިއްހީ މަރުކަޒަށެވެ. އެކަމަކު އެތަނުގައި އެކްސްރޭ ނެގޭނެ ގޮތެއް ނެތިގެން ފަރުވާއެއް ނުދެވުނެވެ.
ހދ. ކުޅުދުއްފުށީގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު އެތަނުގައި ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކު ނެތުމުން އެ ކުއްޖާ އަށް ފަރުވާދިނީ އޮޕަރޭޝަން ޑޮކްޓަރެވެ.
"ކަރުންމަތީގެ ޑޮކްޓަރު ޗުއްޓީގައި ހުރީމަ ފަސްގަޑިއިރު ވަންދެން އެއްވެސް ފަރުވާއެއް ނުދެވޭ. އޮޕަރޭޝަން ޑޮކްޓަރު ބަލާފައި ބުނީ ކާންދީގެން އެތެރެއަށް ދުއްވާލާށޭ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާއިލާ އިން ބުނިގޮތުގައި އެ ކުއްޖާ މާލެއަށް ގެނައީ، އެކަށީގެންވާ ފަރުވާ ނުދެވި ހާލަތު ދަށަށްދާތީ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން އެ ކުއްޖާއަށް ފަރުވާ ލިބުން ވަރަށް ބޮޑަށް ލަސްވި ކަމަށް ބުނެ އާއިލާއިން ވަނީ ޝަކުވާކޮށްފަ އެވެ.