ރިޔާސީ އިންތިހާބުގައި ވާދަނުކުރެވުމުން ޕީޕީއެމް/ޕީއެންސީ މަގުމަތިކޮށްލައި، މެމްބަރުން ނިކަމެތިކުރަން އުޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަމާ ދެކޮޅަށް ނުކުމެގެން ވިޔަސް ވެރިކަން ހޯދައި މިހާރު ރާއްޖޭގައި ހިންގަމުން އަންނަނީ ދެ ޕާޓީގެ ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އޭރު އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ޔާމީނަށް ދީފައި އޮތަސް ސުޕްރީމް ކޯޓުން ހުކުމްކުރީ އެމަނިކުފާނަށް އިއްވާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު އުނިވެފައިވާ ކަމަށެވެ. އެއާއެކު ޔާމީން ނިންމެވީ ގިނަ މެމްބަރުންތަކެއް ތިބި ދެ ޕާޓީން އިންތިހާބު ބޮއިކޮޓްކުރުމަށެވެ.
ވަގުތު ކުޑަތަންވެފައި އޮއްވައި މި ނިންމެވުމާ އެކު ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުވި އެވެ. އެމަނިކުފާނާ ދެކޮޅަށް ނަމަވެސް އިންތިހާބުގައި ވާދަކުރަން ލީޑަޝިޕްގެ ގިނަ ބޭފުޅުން އެއްބަސްވެ ސެނެޓުން ނިންމީ އެގޮތުގައި ކުރިއަށްދާށެވެ.
ދެ ޕާޓީ ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެކި ކަންކަމުގައި ޔާމީން ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވީ އެވެ. އެންމެ ފަހުން ޕީޕީއެމުން ވަކިވެވަޑައިގަތީ އެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގައި ސަރުކާރަށް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ޕީޕީއެމްއާ އަޅާނުލައި ދޫކޮށްލީ ކަމުގެ ތުހުމަތު ވެސް އެމަނިކުފާނު މިފަހުން ވަނީ ކުރައްވައިފަ އެވެ.
މި ވާހަކަފުޅަށް ރައްދު ދެއްވައި، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އައްޑޫ ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ކަމަށެވެ. ވެރިކަން ކުރަނީ ދެ ޕާޓީ ނިސްބަތްވާ ކޯލިޝަނުން ކަމަށް ވެސް ވިދާޅުވި އެވެ.
"ޕީޕީއެމް/ޕީއެންސީގެ މިއަދުގެ ލީޑަރަކީ ރައީސް މުއިއްޒު. އަންހެނުން ވަރިކޮށްފައި އެ ވަރިކުރި އަނބިމީހާއަށް ދެން މާ ރަނގަޅު ގޮތްގޮތް ހޯދައިދޭން، ނުވަތަ ހެޔޮއެދިގެން ވާހަކަ ދެއްކުމަކީ އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން. ދޫކޮށްލާނީ ކަމުނުދިޔައީމަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީން ނިންމެވުމާ ދެކޮޅަށް ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަށް ރަނގަޅު ގޮތް ހޯއްދަވައިދެއްވާނީ ރައީސް މުއިއްޒު ކަމަށެވެ. އެހެން ބޭފުޅަކަށް ޕީޕީއެމަށް ރަނގަޅު ގޮތް ބުނެދޭން އެނގިވަޑައިނުގަންނަވާނެ ކަަމަށް ވިދާޅުވި އެވެ.
"ޕީޕީއެމް/ޕީއެންސީއަށް ދިރުން އަންނާނެ ގޮތާއި ކުރިއެރުން އަންނާނެ ގޮތާއި އަޅުގަނޑުމެންނަށް ބުނެދޭކަށް އެހެން ބަޔަކަށް ނޭނގޭނެ. އެ މަގު ހޯދައިގެން އަޅުގަނޑުމެން މި ތިބީ ޕީޕީއެމް މަގުމަތި ކުރަން އުޅުނީމާ، އެ ފުރުސަތު ނުދީ ވެރިކަމަށް އައިސް މިތިބީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޕީޕީއެމް/ޕީއެންސީއާ އެ ދެ ޕާޓީގެ މެމްބަރުން މަގުމަތި ކޮށްލަން ދިމާކުރި ވަގުތު އަޅުގަނޑުމެން ނިކުތީ، މަގުމަތި ވިޔަ ނުދޭން. އެހެންވީމާ ޕީޕީއެމް/ޕީއެންސީއަށް ކުރިއެރުން އަންނަ ގޮތް އެނގޭނީ އަޅުގަނޑުމެންނަށް. ތިމާ ބޭނުންވާ ގޮތް ނުވުމުން، ތިމާއަށް ތިމާބޭނުންވާ މަގާމެއް ލިބޭ ގޮތް މެދުވެރި ނުވުމުން ދެން އެހެން އެންމެން ކަތިލަން ދިމާކުރީ. އެއީ ގައުމަށް އިހުލާސްތެރި ވުމަށް ނޫން. އެއީ ގައުމަށް ވަފާތެރި ވުމަށް ވެސް ނޫން. އެއީ ގައުމަށް ހެޔޮއެދުމެއް ވެސް ނޫން. އެއީ ރައްޔިތުންނަށް ތެދުވެރި ވުމެއް ވެސް ނޫން."
ރައްޔިތުންނަށް ތެދުވެރި، އިހުލާސްތެރި ބޭފުޅެއް ނަމަ އަމިއްލަފުޅަށް ބޭނުންވާ ކަމެއް ނުވި ނަމަވެސް ރައްޔިތުންގެ މަންފާއަށްޓަކައި ވެސް ޔާމީން ކަން ކުރެއްވި ގޮތް އިހުތިޔާރު ނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.