މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ބައެއް ގައުމުތަކުގައި ދޭ ފަރުވާ، "މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރިހަބަށް ނުގޮސް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު" ގައި މި ފަހަރު އެ މަނިކުފާނުގެ އަރިހުން މީހަކު އެދުނީ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާގައި ތިބޭ އިރު ވެސް، ކުރީގެ މައްސަލައެއްގައި ޑްރަގް ކޯޓުން ހުކުމް ކޮށްފި ނަމަ ފަރުވާގައި ހުންނަ މީހާ ވެސް ވަޒީފާގައި ހުރުމަށް ފަހު، ރިހެބަށް ދާން ޖެހޭތީ އެ މައްސަލަ ހައްލުކޮށް ދިނުމަށެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ކަމާ ގުޅޭގޮތުން ހޯމް މިނިސްޓްރީ އާއި ސަރުކާރުގެ މުއައްސަސާތަކާ އެކީގައި ވާހަކަ ދެއްކުމަށް ފަހު، ފަރުވާ އެކީ ނިންމޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
"މިހާރަށް ވުރެ އެކަން ހަރުދަނާކޮށް އެކަމުގެ ޓްރީޓްމެންޓް ކޮންޓިނިއުކޮށް ނިންމޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަންކަން ގާނޫނީ އިމުގެ ތެރެއިން ހަމަޖައްސަވާނެ،" ރައީސް ވިދާޅުވި އެވެ.
"މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރާއްޖޭގައި ދިނުން ހުއްޓާލާފައި އޮންނަތާ ގިނަ އަަހަރުތަކަކަށް ފަހު، އެ ފަރުވާ އަލުން ދޭން ފެށީ 2020 ވަނަ އަހަރު އެވެ.
އެންޑީއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަދި ފަރުވާ ދިނުމަށް ޑްރަގު ކޯޓުން އަމުރުކޮށްފައިވާ 700 މީހަކު ފަރުވާ ނުދެވި ކިޔުގައި އެބަ ތިއްބެވެ.