މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ފެސިލިޓީގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި ފެސިލިޓީގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ އެތަނުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް އާއި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ އަހްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
އާޒިމް ވިދާޅުވީ މިއަދު ފެށީ މި ފެސިލިޓީގައި ފެންސު ޖެހުމުގެ މަސައްކަތް ކަމަށާއި ވިއްސަކަށް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އަންނަ ހަފުތާގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަސައްކަތަށް ބޭނުންވާ ހުރިހާ ޓެކްނިކަލް ސަޕޯޓެއް ދެނީ އެނިމަލް ވެލްފެއާ މިނިސްޓްރީން ކަމަށެވެ.
"އަޅުގަނޑަށް އުއްމީދުކުރެވެނީ ކުރިއަށް މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި މި ފެސިލިޓީ ބިނާކުރެވި، މާލެ ތެރޭގައި އުޅޭ ބުޅާތައް ގެނެވި، އެ ބުޅާތައް ނިއުޓާކުރެވިގެން މިތަނުގައި ގެންގުޅެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ބުޅާ ފެސިލިޓީ ހަދަނީ ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގަ އެވެ. މި ފެސިލިޓީ ހެދުމަށް އެޗްޑީސީން ވަނީ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފަ އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ޕެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ އެވެ.
މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފަ އެވެ. އެކަމަކު ފަހުން އެ މަސައްކަތަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރިޔަސް މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އެވެ.
ރައީސް ވިދާޅުވެފައި ވަނީ އެ މަސައްކަތް ކުރިއަށް ނުގެންދެވުނީ އޭރު ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން ކަމަށެވެ.
"ވެލްފެއާ ފޯ އައިލެންޑް ކެޓްސް" (ޑަބްލިޔުއައިސީ) އިން އެންމެފަހުން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ މަގުތަކުގައި 3،000 އަށް ވުރެ ގިނަ ބުޅާ އުޅެ އެވެ. ޑަބްލިޔުއައިސީ އިން ލަފާކުރަނީ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަަމަ އެ އަދަދު 9،000 އަށް އިތުރުވާނެ ކަމަށެެވެ.