ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެ ޓްރީޓޮޕްގައި ފަރުވާދެމުން ދިޔައީ ކ. ހުރާ، މުހައްމަދު ލަޔާން ޝަރީފް (ލުއްލު) 19 އެވެ.
އޭނާ މިއަދު ނިޔާވެފައިވާކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ.
އޭނާ އެކްސިޑެންޓުވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ އެ ސަރަހައްދު ޕެޓްރޯލްކުރުމުގައި އުޅުނު ފުލުހުންނަށެވެ.
އެ ރެއިން ފެށިގެން އޭނާއަށް ފަރުވާދެމުން ދިިޔައީ ވެންޓިލޭޓަރުގަ އެވެ.
އެ ޒުވާނާގެ ފަޔާއި ކަރާއި އަތާއި މޭމަތީގެ ކަށިތަކާ އެކު އެކި ތަންތަނުން ބިނދިފައިވާ ކަމަށާއި ފުއްޕާމެޔަށް ވެސް ގެއްލުންވެފައިވާ ކަމަށް އޭނާގެ މަންމަ ބުނެފައިވެ އެވެ.
އެކްސިޑެންޓު ހިނގާފައި އޮއްވައި ފުލުހުންނަށް ފެނުނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ދުއްވި ސައިކަލު ވެސް ފުނޑުފުނޑު ވެފައި އޮތްއިރު ސައިކަލު ގޮސް ޖެހުނު، ވޭނުގެ ފަހަތްކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.