މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ޕްރެޒެންޓަރު އައިމިނަތު ނުޒުހާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޝަނަށް ބޭފުޅަކު އައްޔަންކުރަން ސަރުކާރުން ނިންމީ މިދިޔަ އަހަރު ޖެނުއަރީ މަހު 8 ގައި އެ ކޮމިޝަންގެ މެންބަރު އަހުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ. ގައިސް އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ހުސް ކުރެއްވުމަށެވެ.
އެ މަގާމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ތިން ނަމެއް ފޮނުވާފައިވެ އެވެ.
ކޮމިޓީން މަޖިލިހަށް ފޮނުވި ނަންތައް:
1. އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި
2. ހުސެއިން އަމްރު، ވ. ރޯޝަން
3. މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ، ގދ. ތިނަދޫ
ނުޒުހާގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ 34 މެންބަރުން އިއްތިފާގުންނެވެ. އޭނާގެ ނަން ފާސްވުމާ ގުޅިގެން އިތުރު ބޭފުޅެއްގެ ނަން ފާސްކުރަން ވޯޓަށް ނާހަ އެވެ.
ނުޒުހާ އަށް ވޯޓު ދިނީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން އެކަންޏެވެ. ސަރުކާރު ނުވަތަ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން އެ ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މަޖިލީހަށް ނަން ފޮނުވިއިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ ނުޒުހާގެ ނަމެވެ.
ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސަކީ މުހައްމަދު ފަޒީން އެވެ. ދެން އެ ކޮމިޝަންގައި ތިއްބަވަނީ އަލީ ޔޫސުފާއި އާމިނަތު އަމީނާއި ޝިފްލާ އިބްރާހިމް އަދި ސޮފާ ޝަފީގެވެ. އެ ހުރިހާ ބޭފުޅުން ވެސް ކުރިން ވަނީ އެކިއެކި މީޑިއާތަކުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.