ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުސްވެފައިވާ މެމްބަރު ކަމަށް މިއަދު ރައްޔިތުންގެ މަޖިލިހުން ބޭފުޅަކު ހޮވައިފި އެވެ.
ކުރިން ސީއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލާ އަލީ، ޖަރުމަނުގެ އެމްބެސެޑަރަކަށް ވަޑައިގަތުމުން ހުސްވި މަގާމަށް މަޖިލިހުން ހޮވީ އިބްރާހިމް ޝަހީގު، ބ. ގޮއިދޫ، ސޯސަންގެ އެވެ.
އެ މަގާމަށް ޝަހީގު އައްޔަން ކުރަން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 49 މެމްބަރަކު ވޯޓު ދެއްވި އެވެ. އޭނާ އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 23 މެމްބަރުންނެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި އަށް ބޭފުޅުންގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކުރިއިރު، ޝަހީގަށް ލިބިވަޑައިގެންނެވީ 83 މާކްސް އެވެ. ޝަހީގަށް ރުހުން ދިނުމަށް ކޮމެޓީން ފާސްކުރިއިރު، ބާކީ ތިބި ހަތް ބޭފުޅުންނަށް ލިބިވަޑައިގަތީ 75 މާކްސް އަށް ވުރެ ދަށުންނެވެ.
ކޮމެޓީން ރުހުން ދިނުމަށް ފާސްވަނީ 75 އަށް ވުރެ މަތިން މާކްސް ލިބިގެންނެވެ.
ޝަހީގުގެ އިތުރުން ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ކޮއްކޯފުޅު ކަމަށްވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޝަމްއޫން ހަމީދަށް ލިބިވަޑައިގަތީ 69 މާކްސް އެވެ. ޝަމްއޫން އަކީ ކުރީގެ ވަޒީރު މަރުހޫމް އަބްދުﷲ ހަމީދުގެ ދަރިކަލެކެވެ.
ސީއެސްސީ އެކުލެވެނީ ފަސް މެމްބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޓީގައި ތިއްބެވީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ފާތުމަތު ރީނީ އަބްދުއްސައްތާރާއި ޒަކަރިއްޔާ ހަސަން އަދި ޝަހީދު މުހައްމަދެވެ.