އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން ބުނީ އުމަރު މަނިކު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 28ގައި ކަމަށާއި އެ ލިޔުން ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މަގާމުން އިސްތިއުފާދެއްވައި އޭނާ އެންމެ ފުރަތަމަ ސިޓީ ފޮނުވީ ރައީސް އޮފީހަށެވެ.

ފީސީބީން ބުނި ގޮތުގައި އެމްޔޫ މަނިކު މަގާމުން އިސްތިއުފާ ދެއްވީ، ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެ އެވެ.

އެމްޔޫ މަނިކު އެމްއޭސީއެލްގެ ބޯޑާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ހުންނެވީ އެ ކުންފުނީގެ ޗެއާމަންގެ މަގާމުގަ އެވެ.

އޭނާ އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފައްޓަވައިދެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާ އެވެ. އެމްއޭސީއެލްގެ ބޯޑުން އިސްތިއުފާ ދެއްވި އިރު އޭނާ އަކީ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ތަމްސީލްކުރާ އެސޯސިއޭޝަން، މަޓީގެ ކޯ ފައުންޑާ އަދި ޗެއާމަނެވެ.