މާލޭ ސަރަހައްދުން ގޯތި ލިބުނު އެންމެނަށް ރަޖިސްޓަރީ ދޫކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން މިހާރު ގެނެސްދޭ، 'ރައީސްގެ ޖަވާބު' ގައި މިފަހަރު އާންމުންގެ މީހަކު ކުރި ސުވާލެއްގެ ޖަވާުގަ އެވެ. އޭނާގެ ސުވާލަކަށް ވީ މާލޭ މީހުންނަށް ފަޅުތަކުން ދޫކުރި ބިންތަކަކީ ލިބުނު އެއްޗެއްކަން ވެސް ކަށަވަރުވާން ނެތުމުން އެކަމުގައި ރައީސްގެ ޖަވާބެއް ހޯދާށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވަނީ ގޯތި ލިބުނު އެންމެނަށް އެ ގޯތިތައް ލިބޭނެ ކަމުގެ ޔަގީންކަން އަނެއްކާ ވެސް ތަކުރާރު ކުރައްވައިފަ އެވެ.
ގޯތީގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ހައުސިން މިނިސްޓްރީން ކުރަމުން އަންނައިރު ރައީސް ވިދާޅުވި ގޮތުގައި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު އެންމެންގެ ގޯތިތަކުގެ ރަޖިސްޓަރީ ހެދުމާއި ދޫކުރުމުގެ މަސައްކަތް ވެސް އެބަ ކުރެ އެވެ. އޭގެ ތެރޭގައި ނުހިއްކާ ހުރި ތަންތަނަށް ވަގުތީ ލިޔުމެއް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން ނުހިއްކާ އޮތް ސަރަހައްދުތަކަށް ދޫކޮށްފައިވާ އޮންނަ ވަގުތީ ލިޔުން، ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ހެދެނީ ބިން ހިއްކުނީމާ. ނަމަވެސް ވަގުތީ ރަޖިސްޓްރީއެއް، ގޯތި ލިބުނު ކަމުގެ ޔަގީންކަން ކަށަވަރުވާ ވަރުގެ ލިޔުމެއް ދިނުމުގެ މަސައްކަތް އެބަ ކުރިއަށްދޭ،" އެކްސްގައި ރައީސް އޮފީހުން އާންމުކުރި ވީޑިއޯގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގޯތި ލިބުނު އެއްވެސް މީހަކު ބާކީ ނުކުރައްވާނެ ކަމަށާއި ލިޔުމާއި ރަޖިސްޓަރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އަކާއި އަލަށް ހިއްކާ ހުޅުމާލޭ 3 އަކާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ އާއި ބައެއް މީހުންނަށް ބިންތައް އޭރު ވެސް ހަވާލުކުރި އެވެ. މި ސަރުކާރުން ވެސް މިހާރު އަންނަނީ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންނެވެ.