ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާ ކަނޑުގެ ސިފައިން އަރާފައިވަނީ ކަނޑުގެ ގާނޫނުތަކާ ހިލާފަށް ކަމަށާއި އެކަން ކޮށްފައިވަނީ ދިވެހި ސިފައިންނަށް އެއްވެސް ވަރަކަށް އެންގުމަކާ ވެސް ނުލައި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ، އދ. މަހިބަދޫ 'އަސުރުމާ 03' ނަމަކަށް ކިޔާ ބޯޓަކަށް އިންޑިއާ ކަނޑުގެ ސިފައިން ހަތިޔާރާ އެކު އެރި ކަމުގެ ރިޕޯޓުން އެ ދޯނިން ކުރި އެވެ.
އޭގެ ފަހުން 'މޮހޮރާ 3' އަދި 'ނިރު 7' ނަމަކަށް ކިޔާ ދެ ދޯންޏަކަށް ވެސް އިންޑިއާ ސިފައިން އެރި މައްސަލަ ފެންމަތިވި އެވެ. އެ ދޯނިތަކަށް އަރައި އިންޑިއާ ސިފައިން ވަނީ މަސްވެރިން ސުވާލުކޮށް، އެމީހުން ނެގި ފޮޓޯތައް ވެސް ޑިލީޓް ކުރުވައިފަ އެވެ. ނަމަވެސް، މިއަދު ވަނީ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އެ ވީޑިއޯތަކުން ފެންނަނީ ދޯނިތަކުގެ ތައްޓު މައްޗަށް ފަޅުވެރިން ޖަމާކޮށް، އެ މީހުންނާ އިންޑިއާގެ ސިފައިން ސުވާލުކުރާ ތަނެވެ.
ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އިންޑިއާ ސިފައިން މަސް ދޯންޏަށް އެރި ކަމުގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ނޮދަން އޭރިއާގައި އެހެން އޮޕަރޭޝަނެއްގައި އެ ވަގުތު ހަރަކާތްތެރިވަމުން ދިޔަ ކޯސްޓްގާޑުގެ އުޅަނދު "ޝަހީދު އަލީ" ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް އެ ސަރަަހައްދަށް ދިއުމަށް ފުލް ސްޓީމުގައި ދަތުރު ކުރި ކަމަށެވެ.
އަދި ކޯސްޓްގާޑު އުޅަނދު "ޝަހީދު އަލީ" އެ ސަރަޙައްދަށް ގޮސް އަސުރުމާ މަސްދޯންޏާއި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރި ކަމަށް ބަޔާނުގައިވެ އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.
އެހެންވެ އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
"މި ފުރުސަތުގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުން ނަފާ ހޯދުމުގައި ދިވެހި މަސްވެރިން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ސާބިތުކަމާއެކު ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ހާއްސަ ސަރަޙައްދު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް މާތްﷲ ގެ ވާގިފުޅާ އެކު ދިވެހިރާއްޒޭގެ ގައުމީ ދިފާއީ ބާރުން ކެނޑިނޭޅި ކުރަމުންގެންދާނެކަމުގެ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވަމެވެ." ބަޔާނުގައިވެ އެވެ.
އިންޑިއާ ސިފައިން އެރި ދޯނީގައި ތިބި މީހުންނާ އިންޑިއާގެ ކޯސްޓު ގާޑުގެ ސިފައިން މުއާމަލާތުކުރި ގޮތް އެނގޭ މީހަކު މީގެކުރިން "މިހާރު" އަށް ބުނީ އިންޑިއާގެ ސިފައިން ބޭނުންވީ އެ ދޯނިތަކުގައި ބޭނުންކުރި ސެޓެލައިޓް ފޯނުގެ ނަމްބަރު ކަމަށެވެ. އެކަމަކު، އެ ވަގުތު އެމްއެންޑީއެފް ކޯސްޓް ގާޑަށް ބައެއް ދޯނިތަކުގެ މަސްވެރިން ގުޅުމުން ދިވެހި ސިފައިންގެ އިރުޝާދުގެ މަތިން ސެޓެލައިޓް ފޯނުތަކުގެ ނަމްބަރެއް ނުދިނެވެ.
ރާއްޖޭގެ މަސްދޯނިތަކަށް އެރި އިންޑިއާގެ ސިފައިން ވަނީ މަސްވެރިންގެ ފޯނުތައް އަތުލައި ހެކިތައް ނައްތައިލި ކަމަށް ވެސް "މިހާރު" އަށް އެނގިފައި ވެ އެވެ. އިންޑިއާ ސިފައިން ދިވެހި މަސްވެރިންނާ ސުވާލުކުރަނިކޮށް، މަސްވެރިން ފޮޓޯތައް ނެގުމުން، އެ މީހުންނަށް މަޖުބޫރުކޮށް، ހުރިހާ ހެއްކެއް އިންޑިއާ ސިފައިން ފޮހެލި ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ތިން ދޯނީގެ ތެރެއިން އަސުރުމާ ދޯނީގެ ކެޔޮޅާ ހަވާލާދީ މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން ދޯނި ކައިރިއަށް އެންމެ ފުރަތަމަ ފޮނުވީ ޑްރޯންއެއް ކަމަށެވެ. އިންޑިއާގެ ކޯސްޓްގާޑުގެ ދެ ބޯޓު އެ ސަރަހައްދުގައި އޮތް ކަމަށާއި އެ ތަނުން އެއް ބޯޓު ދޯންޏާ ކައިރިކުރީ ޑްރޯން ފޮނުވައިގެން ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.