ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަލުން މަގާމަށް އައްޔަނުކޮށް، އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް އަލުން ނުފޮނުވޭނެ ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައިވާ ކަމަށް މައި އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓަށް އައްޔަނުކުރެއްވި 22 ވަޒީރުންގެ ތެރެއިން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ތިން ވަޒީރަކަށް ރުހުން ނުދޭން އިއްޔެ ފާސްކޮށްފަ އެވެ.
އޭގެ ފަހުން ރައީސް މުއިއްޒު ވަނީ މަޖިލީހުން ރުހުން ނުދިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އަލުން ހަމަ އެ ވުޒާރާތަކަށް އައްޔަނުކުރައްވައި ވަޒީރުކަމުގެ ހުވާ ވެސް ކުރައްވައިފަ އެވެ.
އެއީ ގާނޫނުއަސާސީގެ ދަށުން ރައީސަށް ކުރެއްވިދާނެ ކަމެއް ކަމާ މެދު ގާނޫނީ ބޮޑު ބަހުސެއް ކުރަމުންދާ ދަނޑިވަޅެއްގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސާއި، އަމީންއާންމު އަދި ކައުންސެލް ޖެނެރަލް އާ އެކު ބޭއްވުނު ބައްދަލުވުމެއްގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
"[އެ ބައްދަލުވުމުގައި] ކައުންސެލް ޖެނެރަލް ވަރަށް ސާފުކޮށް ވިދާޅުވި ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް ދެން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ބިގޭ ވިދާޅުވި ގޮތުގައި މަޖިލީހުން ރުހުން ނުލިބުނު ވަޒީރުން އަލުން އައްޔަނުކުރުމަކީ ގާނޫނީ އިމުގެ ތެރެއިން ރައީސް ކުރެއްވި ކަމެއް ކަމަށް އެމްޑީޕީން ގަބޫލެއް ނުކުރެ އެވެ.
އެކަމަކު އެ ތިން ވަޒީރުންގެ ނަންތައް އަލުން މަޖިލީހަށް ފޮނުވުމުން އެމްޑީޕީން އަމަލުކުރާނެ ގޮތެއް ނިންމާނީ އެ ޕާޓީގެ ޕީޖީ ގުރޫޕުގައި މަޝްވަރާކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ އޮތް ޒިންމާއެއް އަދާކޮށްފައިވަނިކޮށް، އެ ނިންމުމާ ދެކޮޅަށް ރުހުން ނުދިން ވަޒީރުން އަލުން ހަމަ އެ ވުޒާރާތަކަށް ވަޒީރުންގެ ގޮތުގައި އައްޔަނުކުރުމަކީ ވެރިކަން ހިންގުމުގެ ބާރުން ގާނޫނު ހެދުމުގެ ބާރަށް ފާޅުގައި ގޮންޖެހުން ކަމަށެވެ.