މި މަހުގެ މިހާތަނަށް 19 މީހަކަށް އިންފްލުއެންޒާ ޖެހިފައިވާ ކަމަށާއި އެ ބަލީގައި އެކަކު މަރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އިދާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަތަރު މަސް ތެރޭގައި އިންފްލުއެންޒާގެ 154 ކޭސް ރާއްޖެ އިން ފެނިފައިވެ އެވެ. ރާއްޖެ އިން އެންމެ ގިނައިން ފެނުނީ އިންފްލުއެންޒާ އޭގެ H1N1 އެވެ.
އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ އެކްސްގައި މީގެ ދެ ދުވަސް ކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންފްލުއެންޒާ ޖެހުމުގެ ސަބަބުން ނިއުމޯނިއާ އަށް ހުށަހެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖޭގައި އިންފްލުއެންޒާ ފެތުރޭ ވަރު އިތުރުވީ ސަރަހައްދީ ގައުމުތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށް ވެފައި ސްކޫލް ބަންދާ ދިމާކޮށް، ދަތުރުފަތުރު ކުރުން އިތުރުވާމާ ގުޅިގެން ކަމަށެވެ.
އިންފްލުއެންޒާގެ އަލާމާތްތައް:
- ހުން އައުން.
- ނޭފަތުން ފެން އައުން.
- ގައިން ވަރު ދެރަވުން.
- ބޮލުގައި ރިއްސައި ގައިގަ އާއި ކަރުގައި ރިއްސުން.
- ކެއްސުން
ޑޮކްޓަރުން ލަފާދޭ ގޮތުގައި ތިން ދުވަސް ވަސްދެން އެ އަލާމާތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.
އިންފުލުއެންޒާ ވެކްސިނަކީ ފްލޫ އާއި ނިއުމޯނިއާ އާއި ހިތުގެ މައްސަލަ އާއި ކަންފަތާއި ސައިނަސްގެ އިންފެކްޝަނުން ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. އެ ވެކްސިން އުމުރުން ނުވަ އަހަރުން ދަށުގެ ކުދިންނަށް ދެ ޑޯޒް އަދި އެ އަށް ވުރެ އުމުރުން ދޮށީ ނަމަ އެއް ޑޯޒް ދޭން ޖެހެ އެވެ.
އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ސައިބޯނި ލައިގެން އަތް ދޮވުން.
- މީހުން ގިނައިން އުޅޭ ތަންތަނަށް ދިއުން މަދުކުރުން.
- އިންފްލުއެންޒާ ވެކްސިން ޖެހުން.
އިންފްލުއެންޒާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލި ޖެހިފައިވާ ނުވަތަ ބަލި ރަނގަޅުވާ މީހުންގެ ތެރެއިން ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުންނެވެ.
އާންމު ގޮތެއްގައި އެ ބަލި ފެތުރޭނީ ބަލި ޖެހުމަށް ފަހު، އެއް ދުވަސް ފަހުންނާއި ފަސް ދުވަހާއި ހަތް ދުވަހާ ދެމެދުގަ އެވެ. އެކަމަކު ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ގައިން އެ އަށް ވުރެ ގިނަ ދުވަސް ފަހުން ވެސް ބަލި އެރުމުގެ ފުރުސަތު ބޮޑެވެ.