ކ. ފުށިދިއްގަރުފަޅު ހިއްކުމަކީ ރާއްޖޭގެ ތާރިހުގައި ހިންގޭ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށާއި، "ރަސްމާލެ" ގެ ނަމުގައި އެތަނުގައި ތަރައްގީ ކުރެވޭ ޒަމާނީ ސިޓީ އާ އެކު، މާލެ ސަރަހައްދަށް ދިމާވެފައިވާ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީކޮށް ހައްލުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަން އެ ފަޅުގައި އޮތް ބާޖެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެ ވަޑައިގެންނެވި ފަދައިން، މި މަޝްރޫއުއަކީ ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދި އެދި ތިބި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ.
އެ މަޝްރޫއުގެ ތަފްސީލު ދެއްވަމުން، ރައީސް ވިދާޅުވި ގޮތުގައި، އެ ފަޅުން 1،153 ހެކްޓަރުގެ ބިން މެދުނުކެނޑި އަށް މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެ އެވެ. އޭރަށް، ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ އެތަނުން ލިބޭނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"ފުށިދިއްގަރު ހިކިގެން ދިޔުމުން ގެދޮރުގެ މައްސަލަ ދާއިމަށް ހައްލުކޮށް ދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހާމަކުރައްވާފައިވާ ފަދައިން، ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރެވޭނެ އެވެ.
ފުށިދިއްގަރުފަޅާ އެކު، ގުޅުފަޅުން އިތުރު 85 ހެކްޓަރުގެ ބިމާއި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކައި، އެ ތަންތަނުން ފްލެޓާއި ގޯތި ލިބޭނެ ގޮތް ހެދުމުން، ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އަތޮޅު ތެރޭގައި އުޅޭ ރައްޔިތުންގެ ތެރެއިން މި ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ.
"މި ފަސް އަހަރު ނިމިގެންދާ އިރު ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަން ތަކުރާރުކޮށް ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރަހައްދު ތަރައްގީ ކުރައްވާނީ ތައުލީމާއި ސިއްހަތުގެ އިތުރުން ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވާގޮތަށް ވަށައިޖެހޭ ހައްލެއް ލިބޭ ގޮތަށެވެ.
އަދި ރަސްމާލެ ތަރައްގީވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސޭފް އަދި އީކޯ ސިޓީއެއްގެ ގޮތުގައި ކަން ވެސް އެ މަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.
މާލެ ސަރަހައްދާ އެކު އެ މަނިކުފާނު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަން ސެންޓަރުތަކުގެ ގޮތުގައި ސަރަހައްދުތަކެއް ތަރައްގީ ކުރައްވާނީ، އެކަށީގެންވާ މިންވަރަށް ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހަތާއި ވަޒީފާގެ ފުރުސަތުތައް ލިބޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.