ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުށަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށް ވަކާލާތު ކުރައްވައި ވެރިކަމަށް ވަޑައިގެން ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތަކަކީ އޮތް އެއްޗެއް ކަމަށް ނުބައްލަވައި ހުދުމުހުތާރުވުން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. ހުރަފާގައި ޕީޕީއެމްގެ އާ އޮފީސް ހުޅުވަން ބޭއްވި ހަފުލާގައި ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައީސް މި އަމާޒުކުރެއްވީ، "ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތުމަކީ އަޅުގަނޑުގެ ކުށެއް ނޫން ކަމަށް" ސްރީ ލަންކާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވުމުންނެވެ. އެ މަނިކުފާނު އެހެން ވިދާޅުވީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތެއް އެ މަނިކުފާނަށް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވަ އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި މިރޭ ވަނީ ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ހޭދަކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން އެ ތިން އަހަރު ސިފަކުރެއްވީ ގައުމު "ފަނާކުރަނިވި" ތިން އަހަރުގެ ގޮތުގަ އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮތުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ކަމަށް ނަޝީދު ވިދާޅުވާ ވާހަކަފުޅަކީ ތެދުފުޅަކަށް ވެދާނެ ކަމަށެވެ. އެކަމަކު، އެ އަށް ވުރެ، ނަޝީދުގެ ކުށް މާ ބޮޑު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ ބޭފުޅާގެ ކުށަކީ، އޮބާމާގެ ރިޔާސީ ދައުރު ނިންމާލައްވަމުން ވިދާޅުވެފައިވާ ގޮތަށް، އެންމެ ވަރުގަދަ އަށް ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ޗެމްޕިއަނުންނަކީ މަގާމަށް އާދެވެން ދެން އެންމެ ވަރުގަދަ އަށް ޑިމޮކްރަސީގެ ވާހަކަ ދައްކާ މީހުން. އެއީ ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތް. އެކަމަކު، މަގާމަށް އާދެވުމާ އެކު ޑިމޮކްރަސީ ކަތިލައި ރަހުމް ކުޑަ ގޮތަށް، ޑިމޮކްރަސީ އަކީ އަދި ރައްޔިތުންގެ ހައްގަކީ އޮތް އެއްޗެއްކަން ނުދަންނަ މީހަކު ވެރިކަމުގައި ހުރެގެން އެއީ ޑިމޮކްރެޓިކް ގޮތަށް މަސައްކަތް ކުރާ ހުދުމުހުތާރު މީހަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނަށް ރައީސް ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި.-- ފައިލް ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަނީ: އެ މަނިކުފާނަށް ރައީސް ޔާމީން މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވި.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީ އަށް ވަކާލާތު ކުރައްވާފައި ވެރިކަމަށް ވަޑައިގެން ނަޝީދު މަސައްކަތްޕުޅު ކުރެއްވީ މަގުމައްޗަށް މީހުން ނެރެގެން ރާއްޖެ ހަލަބޮލިކޮށް، ތަންތަން ހަލާކު ކުރަން ކަމަށެވެ. ސިޔާސީ މީހުން ހައްޔަރު ކުރުމަށް ފަހު، އެންމެ ފަހުން އަދުލު އިންސާފު ގާއިމްކުރަން ހުންނެވި ފަނޑިޔާރެއް ވެސް ހައްޔަރު ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ހިސާބުން އަޅުގަނޑުމެންގެ ފިކުރަށް ކެތް ނުވީ. އެ ހިސާބުން އަޅުގަނޑުމެން ނިންމީ އިނަފް އިޒް އިނަފް އޭ، މިހާރު ފުދިއްޖެއޭ. ދެން އަޅުގަނޑުމެން އެބަޖެހެއޭ ބަދަލު ކުރަން،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ހިންގާ ގޮތަށް ފާޑުވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވީ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ހޮވަން ޕްރައިމަރީއެއް ވެސް ބާއްވަން އެ ޕާޓީ އަށް ނުކުރޭ ކަމަށެވެ.

ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން ރައީސް އެމްޑީޕީ އަށް ފާޑުވިދާޅުވިއިރު، ސަރުކާރާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ގެންދަވަނީ ޕްރައިމަރީ އަކާ ނުލައި ރައީސް ޔާމީނަށް 2018 ގެ ރިޔާސީ އިންތިހާބަށް ޕީޕީޕީއެމްގެ ޓިކެޓް ދިނުމަށް ވަކާލާތު ކުރައްވަމުންނެވެ. އެ ކަމަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ލީޑަރުން ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.