ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދެއްވުމަށް މަސައްކަތްކުރި މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައި ސުޕަ މެޖޯރިޓީ އެ ޕާޓީން ހޯދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއީ ފެށުމެއް، ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި މި ޕާޓީން ކުރެވޭ ކަންކަން ކުރިއަށް އޮތް ތަނުގައި ފެށިގެން ދާނެ. އެގޮތުން ކުރިއަށް އޮތް މަޖިލީސް އިންތިހާބު، މަޖިލީހުގެ ސުޕާ މެޖޯރިޓީން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއީ ގައުމީ ވިސްނުމެއްގައި ކުރެވޭ މަސަައްކަތެއް ކަމަށާއި ހުރިހާ އެންމެން އެ މަސައްކަތުގައި ހަމަހަމަވާނެ ކަމަށެވެ.
ޕީއެންސީ އުފެދުނީއްސުރެން ފެށިގެން އެ ޕާޓީގެ އިދާރީ ހުރިހާ މަސައްކަތެއް ކުރަމުން އައީ ޕީޕީއެމްގެ އޮފީހުގަ އެވެ. ނަމަވެސް ރައީސް މުއިއްޒު އިންތިހާބުވެ ވަޑައިގަތް ފަހުން އެ ޕާޓީގެ މަސައްކަތްތައް ހިންގަމުން ދިޔައީ ވަގުތީ އޮފީހެއްގަ އެވެ.
ވެރިކަން ކުރާ ޕާޓީއަކަށް ޕީއެންސީ ބަދަލުވުމުން އެ ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފައި ވާއިރު، މިދިޔަ މަހުގެ ތެރޭގައި އެކި ދާއިރާތަކުން އެ ޕާޓީ އަށް ސޮއިކުރި އެތައް ހާސް މެމްބަރުން ފޯމްތައް އީސީއަށް ވަނީ ހުށަހަޅައިފަ އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ އަށް ޕީއެންސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިދިޔަ ފެބްރުއަރީ 21 ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 3،159 މެމްބަރުންނެވެ. ނަމަވެސް މިދިޔަ މަހުގެ ނިޔަލަށް އިތުރު 12،000 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގަތްއިރު، ކޯލިޝަން ލީޑަރަކަށް ހުންނެވީ ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް ވެރިކަމަށް ހަފުތާއެއް ނުވަނީސް އެމަނިކުފާނު ވަނީ ޕާޓީން ވަކިވެ، އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށްޓަވައިފަ އެވެ.