ގަޑިބުރު އަލުން ޒަމާނީ ފަރުމާއަކަށް ތަރައްގީކޮށް މިރޭ ހުޅުވައިފި އެވެ.
ގަޑިބުރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭ ސިޓީ ކައުންސިލް މޭޔަރެއްގައި ގޮތުގައި ހުންނެވި އިރު، ކައުންސިލްގެ ސްޓެރެޓެޖިކް ޕްލޭންގައި ހިމަނައިގެންނެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ގަޑިބުރު ހުޅުވައިދެއްވީ ވެސް ރައީސް މުއިއްޒެވެ.
ގަޑިބުރުގެ މަސައްކަތް ކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރްސީސީ) ގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ޕައިނިއާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.
ފަރީދީ މަގާއި އޯކިޑް މަގާއި ފަނޑިޔާރު މަގާއި ފުނަ ގޯޅި ގުޅޭ ހަތަރު އަނގޮޅީގައި އެންމެ ފުރަތަމަ ގަޑި ބުރު ބިނާކުރީ ރާއްޖޭގެ މިނިވަން ކަމަށް 25 ވަނަ އަހަރު ފުރުމާ ގުޅިގެން 1990 ވަނަ އަހަރު އެވެ. އެއީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން ދައްކުވައިދިނުމަށް ލަންކާ ސަރުކާރުން ބިނާކުރި ތަނެކެވެ.
ގަޑިބުރުގެ އަސްލު ގެއްލުނުތާ އެތައް އަހަރެއް ފަހުން މިރޭ ހުޅުވި ގަޑިބުރު ބިނާ ކޮށްފައިވަނީ އެންމެ ފުރަތަމަ ހެދި ގަޑިބުރު އަސްލަކަށް ބަލައިގެންނެވެ. އޭގެ އިތުރުން ގަޑީގެ މެދުން ވަށައިގެން ހުންނަ ލެޑް ޕެނަލްތަކުން ރީތި މަންޒަރުތައް ދައްކުވައިދެ އެވެ.
މި ގަޑިބުރު ތަރައްގީ ކޮށްފައިވަނީ ފަސް ވަގުތު ބަންގީގެ އަޑު ވެސް އިވޭ ގޮތަށެވެ.