އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން މިރޭ ރާއްޖެ އަށް ވަޑައިގެންފި އެވެ.
ރައީސް ކަމުގެ މަގާމުގެ ހުވާ މުއިއްޒު ކުރައްވާ ރަސްމިއްޔާތުގައި ބޭރު ގައުމެއްގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ލަންކާގެ ރައީސް ރަނިލް އެވެ.
ރަނިލް އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ޒަމީރަކީ މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރައްވާނެ ބޭފުޅާ ކަމަށް ބެލެވެ އެވެ.
ރަނިލް ވަނީ މިރޭ ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގެ ލަންކާގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. އަދި އެ ގައުމުގެ އިގުތިސާދު ކޮޅަށް ޖެހުމަށް ކުރައްވަމުން އަންނަ ކަންކަން ވެސް ރަނިލް ރައީސްއާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ލަންކާ ސަރުކާރުން ރާއްޖެއާ އެކު އަބަދުވެސް ބާއްވާ ގާތް ގުޅުމަށާއި އެ ގައުމަށް ރާއްޖެ ފޯރުކޮށްދީފައިވާ އެހީތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް މާދަމާ ހަވީރު 4:30 ގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެކި ގައުމުތަކުގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވަން ވަނީ ފައްޓަވައިފަ އެވެ. ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ބުނި ގޮތުގައި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވައިގެން 46 ގައުމަކުން ގިނަ އަދަދެއްގެ މަންދޫބުން ރާއްޖެ ވަޑައިގަންނަވާނެ އެވެ.