އިންތިހާބީ ރައީސް އާއި ނައިބު ރައީސް ހުވާކުރައްވާ ދުވަހު އިސްލާމީ މަރުކަޒަށް އަސުރު ނަމާދާއި މަޣުރިބް ނަމާދަށް ދާ މީހުން އެ މިސްކިތުގެ އުތުރު ފަރާތުގެ ބަދަލުގައި، ދެކުނުފަޅި އާއި އިރުމަތީ ފަރާތް ބޭނުންކުރަން އިސްލާމިކް މިނިސްޓްރީ އިން މިއަދު އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައި ވާތީ، އެ ދުވަހުގެ އަސުރު ނަމާދާއި މަޣުރިބް ނަމާދު ވަގުތުގައި އެ ސަރަހައްދުގެ މަގުތައް ބަންދުވާނެ ކަމަށެވެ.
އެހެންވެ، އެ ދުވަހު އިސްލާމީ މަރުކަޒަށް ނަމާދަށް ދާ މީހުން އެ މިސްކިތަށް ވަދެނުކުތުމަށް އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި (މެދުޒިޔާރަތް މަގު) ނުވަތަ ކުރީގެ ދިރާގުގެ ހެޑް އޮފީސް ހުރި ފަޅި އާއި އިރުމަތީ ފަރާތް ނުވަތަ ނޭޝަނަލް އާޓް ގެލެރޯ ހުންނަ ފަޅި ބޭނުންކުރަން މިނިސްޓްރީގެ އިއުލާނުގައި ވަނީ އެދިފަ އެވެ.
މުއިއްޒު އާއި ހުސެއިން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ ހުކުރު ހަވީރު 4:45 ގަ އެވެ.
އެ ރަސްމިއްޔާތުގައި އާ ސަރުކާރާއި މިހާރުގެ ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ދައުވަތު ދީގެން ބޭރުން ވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ކުރިން ބުނި ގޮތުގައި، މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މި ސަރަހައްދުގެ ހުރިހާ ގައުމަކާއި ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ އެހެން ހުރިހާ ގައުމުތަކެއްގެ ވެރިންނަށް ވެސް ވަނީ ދައުވަތު ފޮނުވައިފަ އެވެ.