ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ތާވަލްކޮށް ބޭއްވި ޖަލްސާގެ ނިޒާމު ގެއްލުވާލައި އަނެއްކާވެސް މަޖިލިސް ހުއްޓުވައިފި އެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ފެށުނުއިރު ވެސް އެމްޑީޕީ މެންބަރުން ގެންދިޔައީ އީވާ ރިޔާސަތު ފޭބުމަށް ގޮވާލަމުންނެވެ. އެވަގުތު ޑިމޮކްރެޓްސް މެންބަރުން ވެސް ވަނީ "ބަޖެޓު ކޮބާ" ހޭ ކިޔައި އަޑުގަދަ ކުރަމުންނެވެ.
އެކި މެންބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ގެންދެވިއިރު، ގިނަ މެންބަރުންގެ ނުކުތާ ފުރިހަމަ ކުރެއްވުމަށް އީވާ ޖާގަައެއް ނުދެއްވަ އެވެ. ޑިމޮކްރެޓްސްގެ މެންބަރުންގެ ނިޒާމީ ނުކުތާގައި ފާހަގަކުރި އެ މައްސަލައަކީ ރިޔާސަތުން ބޭރުކޮށްލާފައިވާ މައްސަލައަށްވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެމްޑީޕީގެ އެކި މެންބަރުންނަށް ފަހު އޭގެ ފަހުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ މި ޖަލްސާގެ ރިޔާސަތު އީވާއަށް ނުބެލެހެއްޓޭނެ ކަމަށް ގަބޫލުކުރެވޭތީ ޖަލްސާގެ ރިޔާސަތު އެހެން ބޭފުޅަކާ ހަވާލުކުރެއްވުމަށް ގޮވާލައްވައިފަ އެވެ.
ނަމަވެސް، އެކަމަށް ރައްދު ދެއްވައި އީވާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނައިބު ރައީސް އުޒުރުވެރިނުވާހާ ހިނދަކު ބަލަހައްޓާނީ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވައިދާއި ސުޕްރީމް ކޯޓުގެ ހުކުމުން ވެސް ސާފު ކަމަށެވެ.
އޭގެ ފަހުން މެންބަރުން ރިޔާސަތު ކުރިމައްޗަށް އަޑުގަދަކުރުމާ ގުޅިގެން އީވާ ވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ނަން އިއްވައިފަ އެވެ. ވިދާޅުވީ ޖަލްސާ ދެން ކުރިއަށް ގެންދެވޭނީ އިލްޔާސް ތަޅުމުން ނުކުތުމުން ކަމަށެވެ.
އޭގެ އިރުކޮޅެއް ފަހުން އީވާ ވަނީ މަޖިލީހުގައި މާރާމާރީ ހިންގާފައިވާ ކަމަށާއި ނިޒާމު ގެއްލިފައިވާ ކަމަށް އިއުލާނު ކުރައްވައި ޖަލްސާ މެދުކަނޑައިލައިފަ އެވެ.
"ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު އީސާ ހުޅުދޫ ދާއިރާގެ މެންބަރުގެ ގަޔަށް އަތް ލައި، މާރާމާރީ ހިންގާތަން ވެސް އަޅުގަނޑަށް ފެނިއްޖެ، އެހެންވީމާ މިވަގުތު މަޖިލީހުގެ ނިޒާމު އޮތް ކަމަކަށް ބެލޭނެ އެއްވެސް ހާލަތެއް ނެތް،" އީވާ ވިދާޅުވި އެވެ.
މަޖިލިސް ލައިވް އިން ފެންނަ ގޮތުގައި އަހުމަދު އީސާ ވަނީ އިލްޔާސް ރިޔާސަތު ކުރިމަތީގައި ހުންނަވަނިކޮށް އަތުގައި ހިފައި ދަމާފައި ގެންގޮސްފަ އެވެ. އަދި އެކަމަށް އިލްޔާސް ދެކޮޅު ހެއްދެވުމުން ކޮށްޕައިލައްވާތަން ފެނެ އެވެ. އޭގެ ފަހުން އިލްޔާސް ވާހަކަ ދައްކަން ދިއުމުން ވެސް ކޮށްޕާލައްވާ މަންޒަރު ލައިވް އިން ފެނެ އެވެ.
އެނގިފައިވާ ގޮތުގައި ޖަލްސާ މެދުކަނޑާލެއްވުމަށް ފަހު ވެސް އީވާ އިންނެވީ ރިޔާސަތުގަ އެވެ. މެދުކެނޑާލާފައި އޮތުމަށް ފަހު ޖަލްސާ ނިންމާލީ މާދަމާއަށް ބަޖެޓް ބަހުސް ތާވަލްކުރާނެކަން ޢިއުލާނުކުރަމުންނެވެ. ނަޝީދު ވަކިކުރުމުގެ ގަރާރުގެ ވާހަކަ ވިދާޅެއް ނުވެ އެވެ.