އިޒްރޭލްގެ ޕާސްޕޯޓް އޮންނަ ޓޫރިސްޓުން އއ. މަތިވެރި އަށް އެރުން މަނާކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ގޮވާލައި، އެ ރަށު ކައުންސިލުން އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.
މަތިވެރި އަކީ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ.
އެ ރަށު ކައުންސިލުން ފާސްކުރި ގަރާރުގައި ބުނީ ބައިތުލްމަގުދިސް އާއި މަސްޖިދުލް އަގުސާ ހުންނަ ފަލަސްތީނުގެ ބިމަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރި ޔަހޫދީންނަށް އިހުސާންތެރިވެ، ބޯހިޔާވަހިކަން ފޯރުކޮށްދިން ފަލަސްތީނުގެ މީހުންނަށް އަނިޔާވެރިވެފައިވާ ކަމަށެވެ.
އެ ގަރާރުގައި ބުނީ އިޒްރޭލުން ފަލަސްތީނުގެ މީހުން ގޯތި ގެދޮރުން ނެރެ، ބިންތައް ފޭރިގަނެ، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަންހެނުން ޝަހީދުކޮށް އަދި އާންމުން ދިރިއުޅޭ ތަންތަނާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދެމުން ގެންދާ ކަމަށެވެ.
ބޯފެނާއި ކާބޯތަކެއްޗާއި ބޭހާއި ފެނާއި ކަރަންޓު ފަދަ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކުން ފަލަސްތީނު މީހުން މަހުރޫމުކޮށް، އާއިލާތައް ނިދާފައި ތިއްބައި ގަތުލުކޮށް އަދި އަމިއްލަ ވަޒަނުގައި ފަލަސްތީނުގެ މީހުން ނިކަމެތިކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
މަތިވެރި ކައުންސިލުން ބުނީ އިޒްރޭލުގެ އެ ލާއިންސާނީ އަމަލުތަކަކީ ޒަޔަނިސްޓް ޔަހުދީން ފަލަސްތީން އިސްއުމާރުކޮށް، މުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ އިންސާނީ ހުރުމަތާ ހިލާފު ޖަރީމާއެއް ކަމަށެވެ.
މުސްލިމުންގެ މުގައްދަސް ބިމަކަށް އަރައިގަނެ، މުސްލިމުންނާ މެދު މިފަދަ ލާއިންސާނީ އަނިޔާތަކެއް ހިންގާ ބަޔަކަށް މަތިވެރީގެ ވެށިން އަމާންކަމާއި ހިމާޔަތް ދިނުމަށް އެ ރަށުގެ އެއްވެސް މީހަކު ނޭދޭ ކަމަށް ވެސް ކައުންސިލުގެ ގަރާރުގައިވެ އެވެ.
އެހެންވެ، މަތިވެރި އަށް ޓޫރިސްޓުން ގެންދާ ފަރާތްތަކުން އިޒްރޭލު ޕާސްޕޯޓް އޮތް އެއްވެސް މީހަކު އެ ރަށަށް ނުގެންދިއުމަށާއި ޓޫރިސްޓުންގެ ގޮތުގައި އާއި އެހެންވެސް ބޭނުމަކު ރާއްޖެ އަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ގަރާރުގައި ވަނީ ގޮވާލައިފަ އެވެ.
އިޒުރޭލުގެ މީހުން ރާއްޖެ އެތެރެވުން ހުއްޓުވުމަށް އެހެން ބައެއް ކައުންސިލުތަކުން ވެސް ގަރާރު ނެރެފައިވެ އެވެ. އަދި އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް ގަރާރެއް ހުށަހަޅާފައިވެ އެވެ.
މި މަހު ހަތެއްގައި ހަމާސް އިން އިޒުރޭލަށް ދިން ހަމަލާތަކުގެ ބަދަލުގައި އިޒުރޭލުން ދަނީ މެދުކަނޑުމެން ނެތި ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިޒުރޭލުގެ އެ ލާއިންސާނީ އަމަލުތަކުގައި 8،000 ވުރެ ގިނަ ފަލަސްތީނުގެ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.