ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅި އާ އޮނަރަރީ ކައުންސުލްއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅި އާ އޮނަރަރީ ކައުންސުލް، ރަގީބް އަހްމަދު ހަލަފްއާ ޝާހިދު މިއަދު ބައްދަލުކުރެއްވި ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މިނިސްޓްރީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ރަގީބް އަހްމަދު ހަލަފް އަށް މަރުހަބާ ދަންނަވާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފަލަސްތީނަށް އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އިޒުރޭލުން ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ވަނީ އެކި ފަހަރު މަތިން ކުށްވެރިކޮށްފަ އެވެ. ފަލަސްތީނުގެ މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ތަހުގީގުކޮށް، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމަ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގޮވާލެއްވި އެވެ.
ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް، އދ. އެމަޖެންސީ ސްޕެޝަލް ސެޝަން ބާއްވާ ދިނުމަށް ވެސް ރާއްޖެއިން ވަނީ އެދިފަ އެވެ.
ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ދެ މިލިއަން މަސްދަޅު ހަދިޔާކުރަން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ އަންގަރާ ދުވަހު ނިންމަވައިފަ އެވެ.
ފަލަސްތީނަށް އެހީވުމުގެ ގޮތުން ދިވެހިންނާއި ރާއްޖޭގެ ވިޔަފާރިތަކުން ވެސް ވަނީ އެތައް މިލިއަން ރުފިޔާއެއްގެ އެހީ ދީފަ އެވެ.