ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން، އަންނަ އާދިއްތަ ދުވަހު ވޯޓު ނުނަގައިފި ނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ މި މަހުގެ ކުރީކޮޅު އެވެ. މިއީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ދެ ވަނަ ފަހަރެވެ. އެ މައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ނަޝީދު ގަވައިދާ ހިލާފަށް މަޖިިލިސް ހިންގަވަމުން ގެންދަވާ ކަމުގެ ކަންބޮޑުވުމެވެ.
އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގެންދެވި ހުއްޓިފައި ވަނިކޮށް، މައްސަލަ އަނބުރާ ގެންދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނު ތެރޭގަ އެވެ.
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ވޯޓަށް އެހުމަށް ފަހު ކަމަށް އެ ޕާޓީގެ ޕީޖީން ނިންމާފައިވާ ކަމަށެވެ.
އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށެވެ. އޭގެ ތެރެއިން އޭނާ ފާހަގަ ކުރެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާ އެވެ.
"އަޅުގަނޑުމެން ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މަސައްކަތެއް ދެން އެ ވޯޓު ނެގުމަށް ފަހު ނޫނީ ނުކުރަން މިހާރު އެ ވަނީ ނިންމާފައި. އެއީ މަޖިލީހުން ކުރަން ޖެހޭ ކަމެއް. އެފަދަ ޖަލްސާއެއް ވެސް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަން 29 ގެ ފަހުން, އެ ވޯޓު ނުނަގައި ކުރިއަށްގެންދެވިދާނެ ކަމަށް," އަސްލަމް ވިދާޅުވި އެވެ.
ކުރީފަހަރާ ހިލާފަށް މިފަހަރު، ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި ގަދަ ބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުމަށް ނަޝީދަށް އަސްލަމް ގޮވައިލެއްވި އެވެ.
"އިތުރު ހުރަހެއް، އިތުރު ހުއްޖަތެއް ނެތް އެ މައްސަލަ ކުރިއަށް ގެންދިއުމަށް. ހަގީގަތަކީ ނެތްކަން އިތުބާރެއް، އިތުބާރު ނެތީމަ އިތުބާރު ނެތް ކަމަށް 49 މެމްބަރުން ސޮއިކޮށްފައި، 44 މަޖިލީހުގެ މެޖޯރިޓީއަކީ. އެކަމަކު އެއަށްވުރެ ގިނައިން ސޮއިކުރައްވާފައި. އަދި އެއަށްވުރެ ގިނަ ބޭފުޅުން ވޯޓު ވެސް ދެއްވާނެ ކަމަށް ވިދާޅުވަމުން ގެންދަވަނީ. މަޖިލީހުގެ އިތުބާރު ނެތީމަ، ދެން އިތުބާރު ނެތްކަން ގަބޫލުފުޅު ކުރައްވައި ފަހަތަށް ޖެހިވަޑައިގަތުން އަސްލުގައި ގައުމަށްވެސް އެންމެ ފައިދާހުރި ގޮތަކީ،" އަސްލަމް ވިދާޅުވި އެވެ.
ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން މިއަދު ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ. އެ ދުވަހުގެ ޖަލްސާ ހިނގަމުންދާ ވަގުތު އެމްޑީޕީގެ އާންމު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ވެސް އެމްޑީޕީ މަޖިލިސް މެންބަރުން އެދިވަޑައިގަތެވެ.
އާދިއްތަ ދުވަހުގެ ޖަލްސާގައި ނަޝީދު ޖަވާބުދާރީވުމަށް 30 މިނެޓުގެ ފުރުސަތެއް ދޭނެ އެވެ. އަދި ކޮންމެ މެންބަރަކު އެ މައްސަލައަށް ބަހުސް ކުރުމަށް ތިން މިނެޓުގެ ފުރުސަތެއް ލިބޭނެ އެވެ.