ވެލްޑިން ކުރަން ގެންގުޅޭ ގޭސްފުޅިއެއް ހދ. މަކުނުދޫގައި ގޮވައި މަރުވި ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ރަށު ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުއްޓާ އިއްޔެ ގޮވީ ވެލްޑިން ކަހަލަ މަސައްކަތްތަކަށް ބޭނުން ކުރާ ގޭސް ފުޅިއެކެވެ. އެ ހާދިސާގައި މަރުވެފައި ވަނީ އިންޑިއާ ދެ ފިރިހެނުންނެވެ. އެ ދެ މީހުންގެ ހަށިގަނޑު އެއްކޮށް ވަނީ ކުދިކުދި ވެފަ އެވެ. ގޭސްފުޅި ގޮވުމުގެ ބާރުގަދަ ކަމުން އެ ދެ މީހުންގެ ހަށިގަނޑުގެ އެކި ބައިތައް ވަރަށް ދުރަށް ބުރައިގެން ދިޔަ އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ހަށިގަނޑު މާލެ ގެންނަނީ ފުލުހުންގެ ތަހުގީގުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރަން ވަނީ އެދިފަ އެވެ.
ފުލުހުން ބުނީ އެ ދެ މީހުންގެ ހަށިގަނޑަށް ދެން ހަދާނެ ގޮތެއް ނިންމާނީ ކުރަން ޖެހޭ ތަހުލީލުތަކަށް ފަހު ކަމަށެވެ.
މަކުނުދޫ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރެއް ގޮވައި މަރުވެފައި ވަނީ އެ ރަށު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ދެ މީހެކެވެ. ކާކުކަން ނޭނގޭ ވަރަށް އެ މީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފަ އެވެ.
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކަކު އަތުގެ އުޅަބޮއްޓާ ހިސާބުން ވަކިވެ އަނދާފައިވާއިރު، އެކަކުގެ ބޮލުގެ ބައެއް ވެސް ވަރަށް ދުރަށް ބުރައިގެން ގޮސްފަ އެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭ ވަރަށް އޮތީ އަނދައިފަ އެވެ. ވަކިވެފައިވާ ބައެއް ގުނަވަންތައް ފޮރުވުމަށްޓަކައި އޭގެ މަތީގައި ފަތް އަޅާ ފޮރުވާފައި ވެސް ހުއްޓެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ސިފައިންނާއި ފުލުހުން ތަހުގީގު ކުރަމުން ދާއިރު، އެ ހާދިސާގެ ތަހުގީގަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.