ބާޒާރުގައި ލައްކަ ގިނަ ބްރޭންޑްތަކުގެ ސްކިން ކެއާ ޕްރޮޑަކްޓްތަކެއް ލިބެން އެބަހުއްޓެވެ. މިތަކެތީގެ ތެރެއިން ކޮންމެހެން ވެސް ދުވާލަކު އެއްފަހަރު މޫނުގައި އުނގުޅަންޖެހޭ ބާވަތްތަކަކީ ކޮބައިކަން ބަލައިލަން މުހިންމެވެ. ސޯޝަލްމީޑިއާގައި މަޝްހޫރު، ހަމުގެ ޑޮކްޓަރު ކްރިސް ޓޮމާސިން މި އޮތީ އޭނާގެ ހަ ލައްކައަށްވުރެ ގިނަ ފޮލޯވަރުންނަށް އޭނާގެ އަމިއްލަ ސްކިން ކެއާ ރޫޓިން ހިއްސާކޮށްފަ އެވެ.
ހެނދުނުގެ ރޫޓިން
ވިޓަމިން ސީގައި ހިމެނޭ އެންޓިއޮކްސިޑަންޓް ފީޗާތަކުގެ އިތުރަށް މިއީ މޫނުގައި ނަގާ އެކި ރޫތަކުން ހަންގަނޑު ސަލާމަތްކޮށްދޭނެ ބާވަތެކެވެ. ދިރާސާތަކުން ދައްކާ ގޮތުން މިއީ ހަންގަނޑުގެ ތެތްކަން ވެސް ހިފަހައްޓައިދިނުމަށް އެހީވެދޭނެ ބާވަތެކެވެ. އެހެންވެ ހަންގަނޑުން ދަމައިގަންނަ ފެނުގެ މިންވަރު ދަށްކޮށް، ވީހާ ވެސް ތާޒާކަމާއި އުޖާލާކަން ހަމަށް ގެނައުމަށް ވިޓަމިން ސީ ކޮންމެހެން ވެސް ބޭނުންކުރަންޖެހެ އެވެ. އެއަށްފަހު މޫނަށް ސްޕްރޭކޮށްލަނީ ފެނެވެ. މި ވީޑިއޯގައި ބޭނުންކުރަނީ ކީލްސް ބްރޭންޑްގެ ތާމަލް ވޯޓާ އެވެ.
ދޭން ބޭނުންކުރަނީ ހައިލަރޯނިކް އެސިޑް އެވެ. މިއީ ވެސް މޫނުގައި ހުންނަ ފައިން ލައިންސްތަކާއި ރޫތައް ފިލުވާލުމަށް އެހީވެ، ވީހާ ވެސް ތާޒާކޮށް ގިނައިރު ބެހެއްޓުމަށް އެހީވެދޭ ބާވަތަކެވެ. ގިނައިރު ވަންދެން ތެތްކަން ހިފަހައްޓައިދިނުމުން އިތުރު ސެލްތައް އުފެދުމަށް މަގުފަހިކޮށްދީ ހަންގަނޑު އޮމާންކޮށް ބަހައްޓައިދެ އެވެ.
އެއަށްފަހު އެންމެ ފަހު ބާވަތަކަށް ބޭނުންކުރަނީ މޮއިސްޗަރައިޒާއެކެވެ. ޑރ. ޓޮމާސިން ބޭނުންކޮށްފައިވާ މޮއިސްޗަރައިޒާގައި ސަންސްކްރީން ވެސް ހިމެނެ އެވެ. ބޭނުން ނަމަ މި ދެ ބާވަތް މި ތަރުތީބުން ވަކިވަކިން ވެސް ބޭނުންކުރެވިދާނެ އެވެ. ސަންސްކްރީން ބޭނުންކުރުމުގައި އެސްޕީއެފް 30 އަށްވުރެ މަތީ ލެވެލްއެއް ބޭނުންކުރުމަށް ސަމާލުކަންދޭންވާނެ އެވެ.
ވީޑިއޯގައި، ހެނދުނު ގަޑީގައި މޫނު ދޮންނަ މަންޒަރު ނުފެންނާތީ ބައެއް މީހުންވަނީ އެ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޑރ. ޓޮމާސިން ބުނީ ހެނދުނު މޫނު ދޮވެލަނީ ހަމައެކަނި ފެންފޮދަކުން ކަމަށެވެ.
ރޭގަނޑުގެ ރޫޓިން
ދުވާލުގެ ބުރަކަންމަތީ އެކި ތަންތަނުގައި އުޅެފައިއައިސް ނިދަން އޮށޯތުމުގެ ކުރިން ސްކިންކެއާގެ ޕީއެމް ރޫޓިން ފުރިހަމަކޮށްލުން މުހިންމެވެ. ހާއްސަކޮށް ހަމުގެ ދުޅަހެޔޮކަމަށްޓަކައި މިއީ އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްގެންވާނެ ކަމެއް ނޫނެވެ. ޑރ.ޓަމޯސިންގެ ޕީއެމް ރޫޓިން ފެށެނީ ފޭސް ކްލީންސާއަކުންނެވެ. އޭނާ ބޭނުންކޮށްފައިވަނީ ރާއްޖޭގައި ވެސް މިވަގުތު އާންމުކޮށް ލިބެންހުންނަ ސެޓަފިލް ބްރޭންޑެވެ. އޭގެ ފަހުން ދެން ބޭނުންކުރަނީ ނައާސިނަމައިޑް އެވެ. މިއީ ހަންގަނޑުގެ ކުލަ އެއްވަރުކޮށްދީ، ރަތްކަން ފިލުވައިދީ، ހައިޑްރޭޓް ކޮށްދިނުމުގެ އިތުރަށް މޫނުގައި ހުންނަ އެކި "ޕޯސް" ތަކަށް ވެސް ރަނގަޅު އެހީއެކެވެ. މިއަށް ފަހު، ރެޓިނޯލް ބޭނުންކުރެ އެވެ. މިއީ ހަންގަނޑުގެ ޒުވާންކަން ހިފަހައްޓައިދޭ އަދި ބިހިތަކުންވެސް ސަލާމަތްކޮށްދޭ ބާވަތެކެވެ. ނަމަވެސް މާބަނޑުދުވަސްވަރުގަ އާއި ސެންސިޓިވް ސްކިން ހުންނަ މީހުން ރެޓިނޯލް ބޭނުންކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދުން ރަނގަޅުވާނެެ އެވެ. ނިންމާލުމުގެ ކުރިން އަނެއްކާވެސް މޮއިސްޗަރައިޒާއެއް ޑރ.ޓޮމާސިން ބޭނުންކުރެ އެވެ.
ޑރ.ޓޮމާސިން ބުނެފައިވާ ގޮތުން މިއީ އެތައް އަހަރެއް ވަންދެން އޭނާ ބޭނުންކުރަމުން އަންނަ އާންމު ސްކިންކެއާރޫޓިން އެވެ.
ސްކިންކެއާ ރޫޓިންއެއް ގެންގުޅެން ފަށާ ނަމަ އެ މީހެއްގެ ހަންގަނޑުގެ ބާވަތަކީ ކޮބައިކަން ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ. އަދި ވީހާ ވެސް ބޮޑަށް، އެ މީހެއްގެ ހަމާ ގުޅާ ބާވަތްތައް ބޭނުންކުރަން ފަރުވާތެރިވާންވާނެ އެވެ.