ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލު ކުރައްވައިފި އެވެ.
އެ ބައްދަލުވުން ބޭއްވެވީ މިއަދުގެ މެންދުރުފަހު ތިނެއް ޖެހިއިރު ރައީސް އޮފީހުގަ އެވެ.
އެއީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ އަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
ރާއްޖޭގެ ވެރިކަމަށް މުއިއްޒު ގެންނަން އިއްޔެގެ އިންތިހާބުގައި 129،159 މީހުން ވޯޓު ދިނެވެ. އެއީ 54 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 109،868 ވޯޓެވެ. އެއީ 46 ޕަސެންޓެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް ކުރަން އޮވެ އެވެ.