ރިޔާސީ އިންތިހާބުގެ ނަތީޖާ އިއްޔެ ކޮންމެ ގޮތަކަށް އައި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވާނީ ތާރީހު ބަދަލު ކޮށްލާނެ ދުވަހަކަށެވެ. އެ މަނިކުފާނު އުންމީދު ކުރެއްވި ނަތީޖާއަކީ ރާއްޖެ ޑިމޮކްރެޓިކް ހަޔާތުގައި ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ ރައީސަކަށް ވެވަޑައިގަތުމެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑު ފަރަގަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. ރައީސްގެ މި ނާކާމިޔާބީ އަކީ 1994 ގައި އެ މަނިކުފާނު ސިޔާސީ ހަޔާތްޕުޅު ފެއްޓެވި ފަހުން ކުރިމަތިވި ފުރަތަމަ ނާކާމިޔާބީ އެވެ. ބަލިވި ފުރަތަމަ އިންތިހާބެވެ.
ރާއްޖޭގެ ހަ ވަނަ ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތުމުގެ ކުރިން ވެސް އެތައް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެ މަނިކުފާނަކީ ވަރަށް ކާމިޔާބު ޕޮލިޓީޝަނެކެވެ. ތަޖުރިބާ ހުރި ވަރުގަދަ މަޖިލިސް މެންބަރެކެވެ.
ސިޔާސީ ހަޔާތްޕުޅުގެ ބޮޑު ބައި ބަސް މަދު ކަމާއި މަޑުމައިތިރި ކަމާ އެކު މާ ގިނަ ބަޔަކަށް ނޭނގި ހުންނެވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީގެ މުގުލެވެ. އެ ޕާޓީގައި އެތައް އަހަރެއް ވަންދެން ހިދުމަތް ކުރެއްވި އެވެ. އެމްޑީޕީން ސިޔާސީ ބޮޑެތި ކަންކަން ނިންމާއިރު ފަހު ބަސް ވިދާޅުވާ އެއް ބޭފުޅަކީ އެއީ އެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެ މަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް އޭރު ހުންނެވި އެންމެ ސީނިއާ މެންބަރެވެ.
މަޖިލީހުގައި 25 އަހަރު، ދެން ވެރިކަމަށް!
ރައީސްގެ ސިޔާސީ މަސައްކަތްތައް ފެއްޓެވީ އުމުރުފުޅުން 31 އަހަރުގައި 1994 ވަނަ އަހަރު ޅ. އަތޮޅު ގޮނޑި އަށް ވާދަ ކުރައްވައިގެންނެވެ. އެ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ ސިޔާސީ މަސްރަހަށް އެޅުއްވި ފުރަތަމަ ފިޔަވަޅެވެ. ދެން އޮތް 25 އަހަރުގެ ތެރޭގައި ވިދިވިދިގެން ފަސް ދައުރު ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެވެ.
އެ މުއްދަތުގެ ތެރޭގައި ރައީސް ވަނީ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރު ކަމާއި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު ކަން ކުރައްވައިފަ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ދުށް ބޮޑެތި ދުވަސްތަކުގައި އެމްޑީޕީގެ މުގުލުގައި ހުންނަވައިގެން ސިޔާސީ އެތައް ލަފާ ދެއްވުމާއި އެތައް މަސައްކަތެއް ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކޮން ބޭފުޅެއްކަން އާންމުކޮށް އެނގެން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދާއި ސިޔާސީ އެހެން ލީޑަރުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުންނެވެ.
އިދިކޮޅު ހުރިހާ ޕާޓީއެއް ގޮވައިގެން އިދިކޮޅު ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވީ އެ މަނިކުފާނެވެ. އެ މަސައްކަތުގެ ތެރެއިން އެންމެ ފަހުން ޖަލަށް ލުމުން 12 ދުވަހު ކުޑަގޮޅީގައި އޮންނެވި އެވެ.
އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންނަވަރު ދާއިރާގެ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވައި މަޖިލީހުގެ ރިޔާސަތާ ސިޓީފުޅު ހަވާލު ކުރެއްވީ ނޮވެމްބަރު 2018 ވަނަ އަހަރު ގަލޮޅު ދަނޑުގައި އެ މަނިކުފާނު ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށެވެ.
ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ހޯއްދެވި ރައީސް ކަމުގެ ލަގަބު ހޯއްދަވައި ބޮޑު ކޯލިޝަނަކާ އެކު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތެވެ.
ހުރިހާ ބަރަކާ އެކު ޕާޓީގެ އިންތިހާބުތަކުގައި ވެސް ކާމިޔާބު!
އެ މަނިކުފާނު ސިޔާސީ ގޮތުން ދެން ކުރިމަތިލާން ޖެހިވަޑައިގަތީ ފަސް އަހަރު ތެރޭގައި އެ މަގާމުގައި ދެމިހުންނަވަން ކުރައްވަން ޖެހިވަޑައިގަތް މަސައްކަތްތަކެވެ. އެންމެ ފުރަތަމަ އަމާޒަކަށް ވީ އެމްޑީޕީ އަށް 2008 ވަނަ އަހަރު ދިމާވި ހާލަތު ދިމާނުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ މަސައްކަތެވެ.
ހިޔާލުތަފާތުވުންތައް ހުއްޓަސް ނަޝީދާ އެކު އެ މަސައްކަތް ފައްޓަވައި ފުރަތަމަ ފަހަރަށް އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ކާމިޔާބުވި އެވެ. ސަރުކާރާއި މަޖިލީހުގެ ތެރެއިން ފުރިހަމަ ބާރާއެކީ ވެރިކަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ލިބިވަޑައިގަތެވެ.
ނަމަވެސް ދެން ދިމާވީ ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިލައްވަން ޖެހުނު އެންމެ އުނދަގޫ ދުވަސްތަކާ އެވެ. އެއީ ސިޔާސީ މަސައްކަތްޕުޅު ފެއްޓެވުމުގެ ކުރިން ވެސް އެކުގައި އުޅުއްވި އެންމެ ގާތް އެކުވެރިޔާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދާ ސިޔާސީ ގޮތުން ވާދަކުރައްވަން ޖެހިވަޑައިގަތުމެވެ.
ޕާޓީގެ ތެރޭގައި ހިނގި މައްސަލަތަކާ ހެދި ރައީސަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފި ކަމަށް ނަޝީދު އިއުލާން ކުރައްވައި އެ މަނިކުފާނާ ވަރުގަދަ ސިޔާސީ "ހަނގުރާމައެއް" ފެއްޓެވި އެވެ.
އެމްޑީޕީގެ ތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއްގައި ކޮންމެ މަގާމަކަށް ނަޝީދުގެ ފެކްޝަންގެ މެންބަރަކާއި ރައީސްގެ ފެކްޝަންގެ މެންބަރެއް ކުރިމަތި ލެއްވި އެވެ. އެމްޑިޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުން ހޮވުމަށް ބޭއްވި އިންތިހާބާއި ގައުމީ މަޖިލީހުގެ އިންތިހާބާއި ޗެއާޕާސަންގެ އިންތިހާބު އަދި ކޮންގްރެސް ތެރެއިން ވެސް ރައީސާ ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ.
ނަމަވެސް މި ހުރިހާ އިންތިހާބެއްގައި ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ މެންބަރުންގެ ތާއީދު ހޯއްދަވައި މުޅި މަޖިލީހުގެ ކޮންޓްރޯލް ނެންގެވި އެވެ. އެ ކޮންޓްރޯލް ނެންގެވުމަށް ފަހު އެކަން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އިއުލާން ވެސް ކުރެއްވި އެވެ.
އެންމެ ފަހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ސީދާ ނަޝީދާ ޕްރައިމަރީގައި ވާދަކުރައްވައި ބޮޑު ތަފާތަކުން އެ އިންތިހާބު ވެސް ކާމިޔާބު ކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީގެ ސަބަބަކީ އެއް ބަޔަކު ސިފަ ކުރާ ގޮތުގައި އެއީ އެ މަނިކުފާނު އޭގެ ކުރިން ސިޔާސީ ގޮތުން ކުރި ހޯދަން އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ފަސް އަހަރުގެ މުއްދަތަކަށް ކޯލިޝަނެއް ހިފެހެއްޓެވީ އެ މަނިކުފާނެވެ. ނަމަވެސް ކޯލިޝަނަކަށްޓަކައި ކޮރަޕްޝަންގެ އެތައް ކަމަކާއި ސަރުކާރު ހިންގުމުގެ އެތައް މައްސަލަތަކާއި އެމްޑީޕީގެ ތެރޭގައި ވެސް ބޮޑެތި މައްސަލަތަކެއް ޖެހުނެވެ. ބައެއް ކަންކަން ނުބައްލަވައި ދޫކޮށްލުމުގެ ނަތީޖާ ވީ ގޯހެވެ. އެމްޑީޕީގެ ތެރެއިން ނަޝީދު ބަލި ކުރެއްވި ހަމައެކަނި ބޭފުޅަކީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަމަކު، ނަޝީދާ ދެކޮޅަށް ތެދުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ރިޔާސީ އިންތިހާބު ނާކާމިޔާބު ވާން އެޅި ފުރަތަމަ ފިޔަވަޅު ގޮތުގައި ބައެއް މީހުން ދެކެ އެވެ.
ދެން އޮތް ސުވާލަކީ ކާމިޔާބު ދިގު ސިޔާސީ ހަޔާތަކަށް ފަހު ދެން އެ މަނިކުފާނު ރިޓަޔާ ކުރައްވާނީ ތޯ އެވެ. ނޫނީ ފެންނާނީ އިދިކޮޅު ލީޑަރެއް ގޮތުގައި ހެއްޔެވެ؟