ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އަވަށަކަށް ހައްދަވައި ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ބިމުގެ އިހުތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން، ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިނުގައި، މިރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާޅެ އަކީ މާލޭގެ ރައްޔިތުން ހޮވާފައި ހުންނަ ކައުންސިލުން ބަލަހައްޓާ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
"އޭރުން ރައްޔިތުންގެ އިހުސާސްތައް އަޑު އިވޭނެ. ކުންފުންޏަކުން ކިހިނެތްތޯ ރައއްޔިތުންގެ އިހުސާސްތައް އަޑު އަހާނީ. ކުންފުނި އޮންނާނީ ވިޔަފާރި ކުރަން،" އޭނާ ވިދާޅުވި އެވެ.
މުނިސިޕަލް ހިދުމަތްތައް ދިނުމާއި ރައްޔިތުންނަށް ދޭން ޖެހޭ ރަށްވެހިކަމުގެ ހިދުމަތް ދޭން ޖެހޭނީ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބޭ ކައުންސިލަރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރައްވައި ޕީޕީއެމްގެ ވެރިކަމެއްގައި އެކަން އިސްލާހުކޮށް ގާނޫނީ ވެރިކަމެއްގެ ފޮނިމީރުކަން ހުޅުމާލޭގެ ދެ ފިޔަވަހީގެ ރައްޔިތުންނަށް ހޯދައިދެއްވާނެ ކަމަށެވެ.
ހުޅުމާލެ އިހުތިސާސްގެ މައްސަލައިގައި ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއްކަމަށާއި އެ ކައުންސިލަރުންނަކީ ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ކައުންސިލެއް ކަމަށެވެ. އެހެންކަމުން އެތަން ބަލަހައްޓާ ތަނަކަށް ވާން ޖެހޭނީ ކައުންސިލް ކަމަށެވެ.
ނަމަވެސް އާބަންކޯއިން ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއްކަމަށާއި 100 ޕަސަންޓު ސަރުކާރު ހިއްސާވާ އެކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.
އެ މައްސަލަ ބޮޑުވެ 2021ވަނަ އަހަރު ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރި އެވެ. އެއީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން، ހުއްދަ ނެތި ބާއްވާ ޖަލްސާއެއް ކަމަށް ވާތީ އެކަން އާބްންކޯއިން ފުލުހުން މެދުވެރިކޮށް ހުއްޓުވުމުންނެވެ.
އާބަންކޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތަށެވެ.