ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ވެރިކަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް އިއްޔެ ބޭއްވި ވާދަވެރި އިންތިހާބުގައި، ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ކުރީގައި އުޅުއްވަނީ މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒެވެ. މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓާ އެކު 84،000 ވޯޓެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކަށަވަރުކުރުމަށް ކޯލިޝަން ހަދަންޖެހޭ ބަޔަކާ އެކު އެކަން ކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވަނިކޮށް، އެ ޕާޓީން ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން އުޅުއްވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރަށް ޖާގަ ދީ އަދި އެ ގޮތްތައް މި ފަސް އަހަރަށް ވުރެ ވަކި ބޮޑަށް ތަންފީޒު ކުރާނެ ސަރުކާރެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އޮތް ކަމަށް ދެކެން ދަތި ކަމަށެވެ.
އެ މަނިކުފާނު އެ އިޝާރާތްކުރެއްވީ، މުއިއްޒަށް ހަރުކަށި ފިކުރުގެ މީހުން ތާއިދުކުރާ ކަމަށް ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މި އިންތިހާބުގައި ވާދަކުރެއްވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ. ހުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިލްޔާސަށް 15،000 ވޯޓު ލިބިވަޑައިގަތެވެ.