އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފާހަގަކޮށް ދެއްވައިފި އެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިތަދޫ އާއި މަރަދޫއާއި މަރަދޫފޭދޫގެ އިތުރުން ފަތުރުވެރި ކަމަށް ހާއްސަކުރާ ތިން ރަށާއި ހަންކެޑެގެ ބިން ވަނީ ހިއްކައިފަ އެވެ. އެއީ މަރަދޫ އާއި މަރަދޫފޭދޫއަށް 76 ހެކްޓަރުގެ ބިމާއި ހިތަދޫއަށް 80 ހެކްޓަރުގެ ބިމެވެ.
އެ މަޝްރޫއު ތަކުގެ ނިމުން ރައީސް ފާހަގަ ކޮށްދެއްވާފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެވެ.
އައްޑުއަށް ބިން އިތުރު ކުރުމުގެ މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން އައްޑުއަށް ޖުމްލަ 190 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފަ އެވެ. އަދި 42 ހެކްޓަރު ބިން ހުޅުމީދޫއަށް އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އައްޑޫގެ ބިން ހިއްކުމުގެ އިތުރުން 124 ކިލޯ މީޓަރުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމާއި 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ފެންވަރަށް ޒަމާނީ ވަސީލަތްތަކާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއެއް ވެސް ވަނީ ފަށައިފަ އެވެ.