ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސަޕްލައި ގެންދިއުމަށް ގދ. އަތޮޅުގައި ޓެސްޓް ކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހުވަދު އަތޮޅަށް އެމްޑީގެ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑަވެއްޔަށް ވަޑައިގެން ވިދާޅުވީ އިތުރު ދައުރެއް ލިބިއްޖެ ނަމަ ނެޝަނަލް ހެލްތު ސާވިސް ވަކި އިދާރާއެއްގެ ގޮތުގައި ހަދާނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ޑްރޯންގެ ހިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކުގައި ސަޕްލައި ޓްރާންސްފާ ކުރުމުގެ މަސައްކަތް ފަށާނަން. މިހާރު ވަނީ މި އަތޮޅުގައި އެކަން ޓެސްޓު ކުރެވިފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އިމަޖެންސީގައި ބޭސް އުފުލުމަށް ބައެއް ގައުމުތަކުގައި މިހާރު ވެސް މަދުން ނަމަވެސް ޑްރޯން ބޭނުން ކުރެ އެވެ. ހާއްސަކޮށް، އެކަހެރި ހިސާބުތަކަށް ޑްރޯންގެ މުހިންމުކަން ބޮޑެވެ.
މި އަހަރު ނިމުމުގެ ކުރިން ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތްތައް ދިނުމަށް ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޑްރޯން އެރުވުމާ ބެހޭ އުސޫލެއް ސިވިލް އޭވިއޭޝަން އޮތޯރިޓީން ގެޒެޓުކޮށް، އެކި ބޭނުންތަކަށް ޑްރޯން ބޭނުންކުރަން ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.