މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރުހުން ލިބިފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، އެންމެ ގިނަ ވޯޓު ލިބިގެން ދެވަނަ ބުރަށް ގޮސްފައިވާއިރު އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް އަންނަނީ ކުރަމުންނެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީއާ އެކު މިއަދު ވަނީ ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އޭގެއިތުރުން އިންތިހާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯދި "ދަ ޑިމޮކްރެޓްސް"އާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް މިއަދު ވެސް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ އެވެ. ހަމައެއާ އެކު ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުއްގަޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންއާ އެކު ވެސް މަޝްވަރާތައް ކުރިއަށްދެ އެވެ.
މީގެތެރެއިން ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ޝައުގުވެރިކަމެއް ޔާމީންގެ ނެތް ކަމަށް ޕީޕީއެމް/ޕީއެެންސީގެ ލީޑަޝިޕަށް އަންގަވާފައިވާ ކަމަށް ހަބަރު ފެތުރުނެވެ. ނަމަވެސް، މިއަދު އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު ޔާމީން ލަފާ ދެއްވާފައިވަނީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކު ވެސް ކޯލިޝަން ހެދުމަށް ކަމަށެވެ.
"މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މި ގައުމު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކޮންމެ ބަޔަކާ އެކު ވެސް މަސައްކަތް ކުރަން ރައީސް ޔާމީން ރުހުން ދެއްވާފައި އޮތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާ ވަނީ ގައުމީ ވިސްނުމުގައި މަސައްކަތް ކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް ޖުމްލަކޮށް ގޮވާލާފައި ކަމަށާއި އެ ވިސްނުމުގައި މަސައްކަތް ކުރަން ބޭނުންވާ ކޮންމެ ޕާޓީއަކަށް ވެސް ވަނީ ދައުވަތު ހުޅުވިފައި ކަމަށެވެ.
ޑިމޮކްރެޓްސްއާ އެކު ވެސް މަޝްވަރާތައް ކުރަމުން އަންނަކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ މަޝްވަރާތަކުގައި ގޮތް ނިންމުމަށް "ބޯޅަ މިވަގުތު އޮތީ އެ ޕާޓީގެ ކޯޓުގައި" ކަމަށެވެ. އެހެން ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.
ޑިމޮކްރެޓްސްގެ ކައުންސިލްގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އެ ކައުންސިލްގެ ގިނަ މެންބަރުން ވަނީ ސަރުކާރާ އެއްކޮޅަށް އަރަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް، އަދި ކޯލިޝަނާ ގުޅޭ ގޮތުން ގޮތެއް ނުނިންމަ އެވެ. ޖުމްހޫރީ ޕާޓީން ވަނީ ކޯލިޝަނާ މެދު ނިންމާ ގޮތެއް މާދަމާ އިއުލާން ކުރަން ނިންމާފަ އެވެ.