ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް އަހްމަދު ފާރިސް މައުމޫނުގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފި އެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ރަސްމީކޮށް އިއުލާނުކުރައްވާފައި ވަނީ އިއްޔެ ހަވީރު އެވެ.
ރަނިންމޭޓް އިއުލާން ކުރެއްވުމަށް ދެއްވި ވީޑިއޯ މެސެޖެއްގާއި ފާރިސް ވިދާޅުވީ، ޑރ. އަބްދުއްސައްތާރު ޔޫސުފަކީ ރައްޔިތުންނަށް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ފާރިސްގެ ރަނިންމޭޓުކަން ގަބޫލުކުރައްވައި، ޑރ. އަބްދުއްސައްތާރު ވިދާޅުވީ، އެ ފުރުސަތު އޭނާ ގަބޫލުކުރެއްވީ ގައުމަށް ފައިދާއެއް ހޯދުމަށް ކަމަށެވެ.
"މި ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެންގެ ގައުމަށް، މިއަދު ގައުމު މި އޮތް ހިސާބުން މާ ރަނގަޅު ހިސާބަކަށް ގެންދިއުމަށް އަޅުގަނޑު މަސައްކަތް ކުރާނަން." އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނަން ހުށައެޅުމަށް ހުޅުވާލި ފުރުސަތު މާދަމާ 2:00އަށް ހަމަވާއިރު ފާރިސް އަދި ފޯމު ހުށަހަޅުއްވައިފައެއް ނުވެ އެވެ.