ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް އެމެރިކާ އިން ކަނޑައެޅުމާ ގުޅިގެން އެކަމުގެ އެސެސްމަންޓެއް ފުލުހުން އިސްވެ ހަދަމުން އަންނަ ކަމަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން މިއަދު ބުނެފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދުކޮށް ޓެރަރިޒަމަށް ފަންޑުކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.
އެކަމާ ގުޅިގެން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު "މިހާރު" އަށް ވިދާޅުވީ އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ވަކިވަކި ފަރުދުންނާއި ކުންފުނިތައް ހިމެނޭއިރު، އެ ފަރާތްތަކާ މެދު ރާއްޖޭން ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ފުރިހަމައަށް ބަލަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
"އެމެރިކާއިން އަދި ލިސްޓެއް ނެރުނަސް އަޅުގަނޑުމެންނަށް ކަމެއް ކުރެވޭނީ ގާނޫނުތަކުގައި ބަޔާންކުރާ ހެއްކާއި ގަރީނާ އާ އެކު،" ޒަކަރިއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިފަދަ ސީރިއަސް ތުހުމަތެއް ކުރެވޭ ކުންފުނިތަކެއް ހިމެނޭއިރު، އެކަމުގެ ސައްހަކަން ދައުލަތުގެ އިދާރާތަކަށް ވެސް ކަށަވަރުވާންޖެހެ އެވެ. އެހެންކަމުން ފުލުހުން އިސްވެ، އެ ފަރާތްތަކުގެ ޕްރޮފައިލްތަކާއި އެސެސްމަންޓުތައް މިހާރު ހަދަމުން އަންނަ ޒަކަރިއްޔާ ވިދާޅުވި އެވެ. އެކަމަކު، ފުލުހުންގެ ބަހެއް މިކަމާ ބެހޭ ގޮތުން އަދި ނުލިބެ އެވެ.
ލިސްޓުގައި ހިމެނޭ ގިނަ ފަރާތްތަކަކީ އެކި މަރުހަލާތަކުގައި ޓެރަރިޒަމްގެ ތުހުމަތުކުރެވިގެން ތަހުގީގުކޮށް ނުވަތަ މިހާރު ވެސް ބަންދުގައި ތިބި މީހުންކަން އޭނާ ފާހަގަކުރެއްވި އެވެ.
އެފްއައިޔޫ އިން ގޮތެއް ނިންމާނެ
އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ބޭރުގެ މާލީ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެކަމަކު އެ ފަރާތްތަކާ މެދު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެފަދަ ފިޔަވަޅެއް އަދި އަޅާފައިނުވާކަން އެނގިފައިވެ އެވެ.
ރާއްޖޭގެ ބޭންކެއްގެ އިސް އޮފިޝަލަކު ވިދާޅުވީ މިފަދަ ހާލަތްތަކުގައި ވަކިވަކި ބޭންކުތަކަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރެއް ނޯންނަ ކަމަށެވެ.
"ބޭންކުތަކަށް ފިޔަވަޅެއް އެޅޭނީ އެ ގޮތަށް އެމްއެމްއޭ އިން އެންގުމުން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ލިސްޓުގައި ހިމެނޭ ފަރާތްތަކުން ބޭންކުތައް މެދުވެރިކޮށް ބޭރުގެ މުއާމަލާތްތައް މިހާރު ނުކުރެވޭނެ ކަމަށާއި، އެތެރޭގެ މުއާމަލާތްތައް ވެސް މޮނިޓާކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
މަރުކަޒީ ބޭންކުން މިކަމުގައި ލީޑު ކުރަނީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިންނެވެ. އަދި މި މައްސަލާގައި ގޮތެއް ނިންމުމުގެ ބައްދަލުވުމެއް ފެށޭ ހަފްތާގައި ބާއްވަން ނިންމާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
އެކަމަކު އެމްއެމްއޭއިން އަދި ރަސްމީކޮށް މިކަމުގައި ވާހަކައެއް ނުދައްކަ އެވެ.