ކޮރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންގެ ދެ ކިލޯ އަތުލައިގަތީ މި މަހު ހަތެއްގައި ކަމަށެވެ. އެ ތަކެތި ފެނުނީ އިނގިރޭސިވިލާތުން ރާއްޖެ ގެނައި ޕެކޭޖެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެ ތަކެތި ބަލައި ފާސްކުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ބަލައި ފާސްކުރި ޕެކޭޖުގެ ތެރޭގައި އޮތް ދެ ޕެކެޓުގައި ހުރި އެއްޗެހި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން، މެފެޑްރޯން އަށް ޕޮޒިޓިވްވި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 3.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ތިން މަސް ކުރިން ވެސް ކޮރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.8 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތެވެ.