ހދ. ކުޅުދުއްފުށީގެ ފަރަށް މިދިޔަ އާދިއްތަ ދުވަހު އެރި ހިލަ ބާޖު އަދިވެސް ފުން ނުކުރެވޭ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ބާޖު ފަރަށް އެރީ 6،000 ޓަނުގެ ހިލަ ބަރުކޮށްގެން އެ ރަށް ކައިރިން ދަތުރުކުރަމުން ދަނިކޮށެވެ.
ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރު ރިލްވާން މުހައްމަދު ވިދާޅުވީ، އެ ބާޖު އަދިވެސް ފުން ނުކުރެވޭ ކަމަށާއި ނަމަވެސް ފުން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ބާޖުގައި ހުރި ހުރިހާ ހިލައެއް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަނީ. އެެ އަށް ފަހު، ފުން ކުރަން މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބެނީ،" އޭނާ ވިދާޅުވި އެވެ.
އެއީ ކޮން ބައެއްގެ ބާޖެއް ކަމެއް އަދި ޔަގީންނުވެ އެވެ.
ޓަގު ބޯޓާއި ބާޖު ފަރަށް އެރުން މި ފަހުން ވަނީ އިތުރުވެފަ އެވެ.
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ ބާޖެއް، މި މަހުގެ ހަތް ވަނަ ދުވަހު ފަރަށް އެރި އެވެ. އެ މައްސަލަ އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ތަހުގީގުނުކޮށް އުޅެނިކޮށް، އެ ބާޖު ރާއްޖެ ފުރައިގެން ގޮސްފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.
މިދިޔަ މޭ މަހު ވެސް ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓްގެ ބޯޓެއް ހއ. ދިއްދޫ ފަރަށް އަރާފައިވެ އެވެ. އެ މައްސަލަ ތަހުގީގުކޮށް، އެސަސްމަންޓް ނިމި މިހާރު އޮތީ ޖޫރިމަނާ ކަނޑައަޅާ މަރުހަލާގަ އެވެ.