ނައިބު ރައީސް ފައިސަލް ނަސީމަކީ އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެއްވޭ ބޭފުޅެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ލިޔެ، ރޭ ނެރުނު ފައިސަލްގެ ބަޔޯގްރަފީގަ އެވެ.
ރައީސް ވިދާޅުވީ، އިއްޔެ އުމުރުފުޅުން 50 އަހަރު ފުރުނު ފައިސަލަކީ ކަންކަން ނިންމުމުގައި، ބަޔަކު ބުނާހާ ގޮތަކަށް އެއްބަސްވެވަޑައިގަތުމުގެ ބަދަލުގައި އަމިއްލަފުޅު ވިސްނުންފުޅަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު އަދި އެންމެ މަސްލަހަތު ހުރި ގޮތަށް ކަންކަން ނިންމަވާ ބޭފުޅެއް ކަމަށެވެ.
"ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާ އެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް،" ރާއްޖޭގައި ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ނައިބު ރައީސާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"އަދި އެކުގައި މަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އަދި އެހާމެ އިތުބާރު ކުރެވޭ ބޭފުޅެއް."
ރައީސް ވިދާޅުވި ގޮތުގައި، ފުވައްމުލަކަށް އުފަން، ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު ފައިސަލާ އެންމެ ފުރަތަމަ ބައްދަލުވެވަޑައިގަތީ 2008 ގައި އަމަލު ކުރަން ފެށި މިހާރުގެ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލިހުން ކަމަށެވެ.
އޭރު ފައިސަލަކީ ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ފުވައްމުލަކު ދާއިރާގެ މެމްބަރެވެ.
"ފައިސަލްގެ އަމިއްލަ ދިރިއުޅުއްވުމުގެ މުހިންމު ބައެއް ވާހަކަތައް އަޅުގަނޑާ ހިއްސާ ކުރެއްވި. ދިރިއުޅުއްވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއި ހުރަސް ކުރައްވަން ޖެހިވަޑައިގެންނެވި އުނދަގޫތައް ވެސް ހިއްސާ ކުރެއްވި. އެ ވާހަކަތަކުން އަޅުގަނޑަށް އެނގުނީ، ކާމިޔާބު މީހަކަށް ވުމަށްޓަކައި ފައިސަލް އުފުއްލެވި ބުރަ އާއި ވެވަޑައިގެންނެވި ޤުރުބާނީ،" ފައިސަލަށް ތައުރީފު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސްގެ ތައުރީފު ފައިސަލަށް އޮއްސާލެއްވިއިރު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސްގެ ރަނިންމޭޓަކަށް އަނެއްކާ ވެސް ކަނޑައަޅުއްވާނީ ފައިސަލް ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.
ހަވާލުވެވަޑައިގަންނަވާ ކޮންމެ ކަމެއް ވެސް ވަރަށް ފަރުވާތެރިކަމާއި ތެދުވެރިކަމާ އެކު ކުރައްވާނެ. ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ތެދުވެރި ބޭފުޅެއް. ރަހުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނަން ވަރަށް ރަނގަޅު އެކުވެރިއެއް،"--- ރައީސް
އެންމެ ފަހުން މި ހަފުތާގައި އެ މަނިކުފާނު ނޫސްވެރިން ގާތު ވިދާޅުވީ، ރަނިން މޭޓަކަށް އެކި ބޭފުޅުންގެ ނަންތައް އަންނަމުންދާ ކަމަށާއި އެކަމުގެ މަޝްވަރާތައް އެމްޑީޕީގެ އިސް ބޭފުޅުންނާއެކު ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު ސިކުނޑީގައި މި ވަގުތު އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރުގެ ނައިބު ރައީސަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންގުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވިޔަސް މިހާރު އޭނާ އެ ހިޔާލު ދޫކުރައްވާފައިވާ ކަމަށް ވެ އެވެ. ނަމަވެސް މިހާތަނަށް ޝާހިދު އެ ކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފައިސަލަކީ މި ސަރުކާރުގައި ހިންގާ އިިޖުތިމާއީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅާ އެވެ. ސިއްހީ، ތައުލީމީ ދާއިރާ އަދި އެހެނިހެން އިޖުތިމާއީ ވަރަށް ގިނަ ކަންކަން ކުރިއަށް ގެންދާ ގޮތް ވަރަށް ގާތުން އަބަދުވެސް ބައްލަވަ އެވެ.
ފައިސަލް ވަނީ މީގެ ވަރަށް ގިނަ އަހަރުތަކެއް ކުރިން ފައިސަލް ފައުންޑޭޝަންގެ ނަމުގައި ޖަމިއްޔާއެއް އުފައްދަވައި އިޖުތިމާއީ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. އޭގެ ގިނަ ކަންކަން ވަނީ ފުވައްމުލަކާއި ކާށިދޫގައި ހިންގަވައިފަ އެވެ.