މެރިޓައިމް ސެކިއުރިޓީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް އިނގިރޭސި ވިލާތާ އެކު ރާއްޖެ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެ އެއްބަސްވުން ހެދީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިނގިރޭސި ވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓާ ދެމެދުގަ އެވެ.
އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އިނގިރޭސި ވިލާތުގެ ފަރާތުން ސޮއިކުރެއްވީ އަންޑަ ސެކްރެޓަރީ އޮފް ސްޓޭޓް އޭވިއޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ބެރޮނެސް ވެރޭ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މެރިޓައިމް ސެކިއުރިޓީގެ ދާއިރާއާ ގުޅޭ އެ އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ ބަނދަރުތަކާއި އެ ތަންތަނުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެ ގައުމު ގުޅިގެން ކަނޑު ދަތުރުފަތުރުކުރުމުގެ ސަލާމަތީ މިންގަނޑުތައް ހަރުދަނާ ކުރުމަށް އެހީތެރިވާނެ ކަމަށެވެ. އެ ދާއިރާއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ވެސް އެ ގައުމުގެ އެހީތެރިކަން ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މެރިޓައިމް ދާއިރާއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް މުހިންމު 14 ގަވާއިދެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.