ރެޓިނޯލް އަކީ ހަމުގައި އުނގުޅާ ކްރީމާއި ސިރަމް އަދި ލޯޝަން ފަދަ ބާވަތް އުފެއްދުމުގައި ބޭނުންކުރާ ވިޓަމިން އޭގެ މައިލްޑް ބާވަތެކެވެ. ބިހި ނެގުމާއި އޭގެ ސަބަބުން ހަންގަނޑުގައި އުފެދޭ ލައްތައް ފިލުވައިދީ ހަންގަނޑު ޒުވާންކޮށް ބަހައްޓަން މިއިން އެހީވެދެ އެވެ. މިހާރަކަށް އައިސް ފަސޭހައިން ގަނެވެން ހުންނަ ގިނަ އަދަދެއްގެ ފޭޝަލް ޓްރީޓްމަންޓްތަކާއި އުފެއްދުންތަކުގައި ރެޓިނޯލް ވަކި މިންވަރަކަށް ބޭނުންކޮށްފައި ހުރެ އެވެ.
އެކަމަކު، އެނގެންވީ ކަމަކީ، ހައި-ކޮންސެންޓްރޭޓެޑް ރެޓިނޯލް ނުވަތަ ރެޓިނޮއިޑް، މެޑިކަލް ސަބަބުތަކަށް ބޭނުންކުރަން ވިއްކަން ހުންނަ ކަމެވެ. މިފަދަ ކްރީމާއި ބޭސް ބޭނުންކުރަން ވާނީ ހަމަ އެކަނި ޑޮކްޓަރުގެ އިރުޝާދާ އެކުގަ އެވެ.
އެހެންވެ ސްކިން ކެއާ ރޫޓީންގައި ރެޓިނޯލް ހިމަނަން ބޭނުންވާ ނަމަ، އެ މީހެއްގެ ހަމަށް އެންމެ ފިޓް ގޮތާއި މިންވަރާއި ބޭނުންކުރަންވީ ކޮން ކަހަލަ ރެޓިނޯލް ޕްރޮޑަކްޓެއްކަން ހަމުގެ ޑޮކްޓަރަކާ މަޝްވަރާކޮށްގެން ހޯދިދާނެ އެވެ.
މި ހިމަނާލަނީ، ސްކިން ކެއާއަށް ގަވާއިދުން ރެޓިނޯލް ހިމެނުމުގެ ކުރިން އެނގެންވީ މުހިއްމު ބައެއް އާންމު މައުލޫމާތެވެ.
ރެޓިނޯލް އިން ހަމަށް ކުރަނީ ކޮން އަސަރެއް؟
މެޑިކަލް ވެބްސައިޓް، ކްލެވްލެންޑް ކްލިނިކްގައި ބުނެފައިވާ ގޮތުން، ރެޓިނޯލް އިން ހަންގަނޑުގެ ސެލް އާކޮށްދިނުން އިތުރުކޮށްދެ އެވެ. މީގެ ސަބަބުން ހަމުގައި ހުންނަ ކުދި ލޯވަޅުތައް ބެދިފައި ހުންނަ ހުރުން މަދުވެ އެވެ. އަދި ހަންގަނޑު ސާފުކޮށްދެ އެވެ. މީގެ އިތުރުން ކޮލަޖެން އުފައްދާ މިންވަރު އިތުރުކޮށްދީ ހަމުގައި ޖެހޭ ރޫތައް މަދުކޮށްދިނުމާއި ހަމުގެ ތާޒާކަން ގިނަ ދުވަހަށް ދަމަހައްޓައިދިނުމަށް ވެސް އެހީއަކަށް ވެއެވެ.
ހުރިހާ ރެޓިނޯލް އެއް އެއްގޮތް ތަ؟
ތަފާތު ބިއުޓީ ޕްރޮޑަކްޓް ހޯދާ ބަލާ މީހެއް ނަމަ ރެޓިނޯލް އެކި ނަން ނަމުގައި އެނގިފައި ހުރެދާނެ މިސާލަކަށް، ރެޓިނޮއިޑް، ރެޓިނަލް އަދި ރެޓިނޮއިކް އެސިޑް ނުވަތަ ރެޓިން-އޭ ފަދަ ނަންނަން މީގެ ތެރޭގައި ހިމެނެ އެވެ. އެހެންވީމާ، ތަފާތަކީ ކޮބައިހެއްޔެވެ؟
ކްލެވްލެންޑް ކްލިނިކްގެ ސައިޓުގައި ބުނެފައިވާ ގޮތުން، ރެޓިނޮއިޑް ގައި ވިޓަމިން-އޭ ގެ ހުރިހާ މާއްދާއެއް، [ރެޓިނޯލް، ރެޓިން-އޭ އަދި ރެޓިނަލް] ހިމެނެ އެވެ.
މީގެ ތެރެއިން ރެޓިން-އޭ އަކީ އެކި ބާރު މިނުގައި ލިބެން ހުންނަ ކްރީމެކެވެ. މި ދޭތި ވެސް ބޭނުންކުރަންވާނީ ހަމައެކަނި ޑޮކްޓަރުގެ ލަފާއާ އެކުގަ އެވެ. ގޮތް ނޭނގި ރެޓިން-އޭ ބޭނުންކުރުމުން ހަންގަނޑު ފޮޅުމާއި ރަތްވުމާއި ފަޅައިގެން ދިއުން ކަހަލަ ކަންކަން ދިމާވުން އެކަށީގެންވާތީ އެވެ.
ރެޓިނަލް އަކީ ރެޓިން-އޭ އަށް ވުރެ މައިލްޑް، އެކަމަކު ރެޓިނޯލް އަށް ވުރެ ބާރުގަދަ ބާވަތެވެ.
ރެޓިނޯލް އަކީ މީގެ އެންމެ މައިލްޑް ނުވަތަ އަސަރު ކުޑަ މާއްދާ އެވެ. އޭގެ މާނައަކީ، ގިނަ މީހުންގެ ހަމާ އެންމެ ގުޅޭނީ ރެޓިނޯލް އެވެ. އެކަމަކު، އެކްޒީމާ ފަދަ ހަމުގެ އެކި މައްސަލަތައް ހުންނަ މީހުންނާއި މާބަނޑު އަންހެނުންނާއި ކިރުމައިން ރެޓިނޯލް ބޭނުންކުރުމަކީ އެއްވެސް ވަރަކަށް އެދެވޭ ކަމެއް ނޫނެވެ.
ބޭނުންކުރަން ފަށައިގެން ހަންފޮޅެނީ ކީއްވެ؟
ރެޓިނޯލް ބޭނުންކުރަން ފެށުމުން ހަން ފޮޅި، ބައެއް ފަހަރަށް ބހި ގިނަވެ، މޫނުގައި ހުންނަ ލަކުނުތައް މާ ކުލަ ގަދަވާހެން ހީވެދާނެ އެވެ. މި ބޭނުންކުރާ މީހުން އެންމެ ގިނައިން ކުރާ ޝަކުވާއަކީ ވެސް މިއެވެ.
މިހެން ވަނީ، ހަމުގައި އާ ސެލް އުފައްދާ މަރުހަލާ އަވަސްވެ، މަރުވާ ސެލްތައް ނެތި ހަންގަނޑު ސާފުވުން ވެސް އަވަސްކޮށްދޭތީ އެވެ. މި އަވަސް ބަދަލުގެ ސަބަބުން ހަންގަނޑު ހިކުމާއި ހަންފޮޅުން ކަހަލަ ކަންކަން ރެޓިނޯލް ބޭނުންކުރާ ފުރަތަމަ ދެމަހެއް ވަރު ތަޖުރިބާކޮށްފާނެ އެވެ.
ރެޓިނޯލް ބޭނުންކުރަން ފަށާއިރު އެންމެ ރައްކާތެރީ ކޮން ގޮތެއް؟
ރެޓިނޯލް ބޭޏުންކުރުމުގެ ސަބަބުން ހަންގަނޑު ރަތް ވުމާއި ހިކުމާއި ހަންފޮޅުން މެދުވެރިވާ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ހުރެ އެވެ.
1- ކުއްލިއަކަށް ގަވާއިދުން ބޭނުންކުރަން ނުފެށުން؛ ފުރަތަމަ ފަށާއިރު، ހަފްތާއަކު އެއްފަހަރު ނޫނީ ދެފަހަރު އުނގުޅާފައި، މަޑު މަޑުން ފްރިކުއެންސީ އިތުރުކުރެވިދާނެ އެވެ.
2- ފަށާއިރު މަދު މިންވަރެއް ބޭނުންކުރުން؛ ލޯ ކޮންސެންޓްރޭޝަން ގައި، ސެންސިޓިވިޓީ ކުޑަ ހިސާބުތަކުގައި ފުރަތަމަ ޓެސްޓުކޮށްލުން. މިސާލަކަށް، ސްކިން އިރިޓޭޝަން ޓެސްޓުކޮށްލުމަށް، މޫނުގައި ނަމަ ދަތްދޮޅިއާ ހިސާބު ތިރީގައި ދެތިން ދުވަހު ހާކާލުމަށްފަހު ވާގޮތް ބަލައިލެވިދާނެ އެވެ.
3- ހަންގަނޑު ތެތްކޮށް ބެހެއްޓުން މުހިއްމު؛ ރެޓިނޯލް ބޭނުންކުރުމަށްފަހު ރަނގަޅަށް މަސާޖު ކޮށްފައި، ހަމަށް ރަނގަޅު މޮއިސްޗުރައިޒާއެއް އޭގެ މަތިން ބޭނުންކުރުމަކީ ފައިދާހުރި ގޮތެކެވެ. އަމުދުން އަލަށް ރެޓިނޯލް ބޭނުންކުރަން ފަށާއިރު މިއީ ރަނގަޅު ގޮތެކެވެ.
4- ރޭގަނޑު ވަގުތުގައި ބޭނުންކުރުން؛ ރެޓިނޯލް ބޭނުންކުރުން އެންމެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. ދުވާލު ވަގުތުގައި އުނގުޅާނަމަ އަވި ޖެހުމުން ހަމަށް ބޮޑަށް ގެއްލުން ވުމުގެ ފުރުސަތު އޮވެ އެވެ.
5- ދުވާލު ސަންކްރީމް ބޭނުންކުރުން
6- ވީހާވެސް ސިމްޕަލް ސްކިން-ކެއާ ރޫޓީން އެއް ގެންގުޅުން؛ ރެޓިނޯލް ބޭނުންކުރާނަމަ، ސްކިންކެއާ އުފެއްދުންތަކުގެ ތެރޭގައި ހުންނަ ބާރުގަދަ އެހެން އެއްޗެހި އެއްކޮށް ނުވަތަ އެއްފަހަރާ ބޭނުންކުރުމުން ދުރުވެލުމަކީ ރަނގަޅު ގޮތެވެ. މިސާލަކަށް ރެޓިނޯލް ޕްރޮޑަކްޓެއް ބޭނުންކުރާ އިރު، އޭއެޗްއޭ ނުވަތަ ބީއެޗްއޭ ޕްރޮޑަކްޓް ބޭނުން ނުކުރާށެވެ. އެއް ވަގުތެއްގައި ބޭނުންކުރުމުން ހަންގަނޑު އިރިޓޭޓްވާ މިންވަރު އިތުރުވެދާނެ އެވެ. ދެ ޕްރޮޑަކްޓް ވެސް ބޭނުންކުރާނަމަ، އޭޗްއޭ ދުވާލަށް، ރެޓިނޯލް ރޭގަނޑަށް ހަދާލެވިދާނެ އެވެ.