ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލެއްގައި އަށް އަހަރުގެ އަންހެން ކުއްޖަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ކޮކޯޕާމް ބޮޑު ހިތީގަ އެވެ.
މަރުވެފައި އޮއްވައި ފެނުނީ އާއިލާއާ އެކު ޗުއްޓީއަށް އައިސް އުޅުނު އިންޑިއާ ކުއްޖެކެވެ. އެ ކުއްޖާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރިސޯޓުގެ އިންޑޯ ޕޫލަކުން ކަމަށް ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ ރިސޯޓެއްގެ ޕޫލްގައި ކުޑަކުއްޖަކު ގެނބިފައި އޮއްވައި ފެނިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ ރިޕޯޓެއް ލިބުނު ކަމަށެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މައްސަލަ ތަހުގީގުކުރަމުން އަންނަކަން ފިޔަވައި އެހެން މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، ކުއްޖާ މަރުވެފައި އޮތީ ރޫމަށް ވަކިން ހާއްސަކޮށް ހުރި ޕޫލެއްގަ އެވެ.