ޗާގޯސް މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މާދަމާގެ އެޖެންޑާގައިވާ ގޮތުން ފުރަތަމަ އޮތީ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ.
އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި ދިފާއުވުމަށް މިދިޔަ ބުދަ ދުވަހު އޭނާ ވަނީ މަޖިލީހަށް ވަޑައިނުގެން، ލިޔުމުން ޖަވާބު ފޮނުއްވައިފަ އެވެ.
ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި ގާނޫނު އަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިދީފައިވާ ކަމަށް ބުނާތީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަނީ އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.
އެ މައްސަލާގައި ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް އެދެން ޖެހޭ ކަމަށެވެ.
ނަމަވެސް އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.
އެކަމަކު، ބުދަ ދުވަހުގެ ޖަލްސާ ނިމުނުއިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ.
ރާއްޖެ-މޮރިޝަސް އިން ވަކިކުރި މައްސަލާގައި "ކަނޑު ވިއްކާލި" ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން ރިފްއަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.