ކައިވެންޏަށް އުފާވެރި ތިން އަހަރެވެ. ނަމަވެސް ކޮންމެ މަހަކު އެއްފަހަރު ދެމަފިރިން ކުރިމަތިލާންޖެހޭ ހަނގުރާމަ ބޮޑެވެ. އާންމު ތަބީއީ ކަމަކަށް ވިޔަސް، ޕީރިއަޑްވާ ކޮންމެ ފަހަރަކީ އިންތިހާ ވޭނުގައި ހޭދަކުރަންޖެހޭ ދުވަސްތަކެވެ. ވަޒީފާގައި ހުއްޓަސް ދުވެފައި އަންނަންޖެހޭނީ ގެއަށެވެ. މަސައްކަތަކަށް ސަމާލުކަން ނުދެވޭތާ ކޮޅަށް ވެސް ހުރެވެނީ މަދު ފަހަރެއްގައެވެ. ކާއެއްޗެއް ނުކެވި ތަދު ބޮޑުވެ ގިނަފަހަރަށް ލެވެނީ ހޮޑެވެ.

މި ހާލެއްގައި އުޅެމުންއައިއިރު، މި ދެމަފިރިން މަހަކު އެއްފަހަރު މި ކުރިމަތިލާ ބިރުވެރިކަމުން ކުޑަނަމަވެސް ތަސައްލީއެއް ލިބުނީ މި ކުޑަކުޑަ ހީޓް ތެރަޕީ ޕެޗުންނެވެ. މިއަދު މިއީ މި ދެމަފިރިން އެކުގައި ފަށައި، ފުޅާކުރަމުންދާ އަމިއްލަ ވިޔަފާރި "އިޔާޝީ" ގެ ބިންގަލެވެ.

ވިޔަފާރީގެ އާކަމާއި، މަސައްކަތްކުރާ ދާއިރާ އާއި މި ދެކެވޭ ބައެއް ވާހަކައިގެ ގޮތުން މި ދެމަފިރިންގެ ނަން ހާމަކުރަން އަދި ފަސްޖެހުނަސް، އިޔާޝީގެ ވާހަކަ ނުދައްކައި ދޫކޮށްލެވޭ ވަރެއް ނޫނެވެ.

ހީޓްޕެޗް ބޭނުންކުރުން ފެށިގެން އައީ ޗައިނާއިންނެވެ. އެއަށްފަހު އެކި ބޭނުންތަކަށް ހާއްސްކޮށްގެން ތަފާތު ވައްތަރުތަކުގެ މިފަދަ ޕެޗްތައް އެކި ނަންނަމުގައި ބޭނުންކުރެ އެވެ. ޕީރިއަޑް ތަދު ކަނޑުވަން ވެސް އެހެން ބައެއް ގައުމުތަކުގައި ވަރަށް އާންމުކޮށް ލިބެން ހުއްޓަސް، ރާއްޖޭގައި މިފަދަގޮތަކަށް ބޭނުންކުރެވޭ ހީޓްޕެޗެއް ނުހުރެ އެވެ. ނަމަވެސް އަންހެނުން އަޅާ ވޭނާއި، އުޅޭ ހާލުފެނި ކުޑަވެސް ލުޔެއް ހޯދައިދޭން އެކި ގޮތްގޮތުން ވިސްނަމުން ދިޔައިރު ލޮލުގައި އަޅައިގަތީ މި ހީޓް ޕެޗެވެ.

އަޖުމަ ބަލައިލަން މާލެ ގެނެސް ޓެސްޓުކޮށްލިއިރު ތަދުތަކަށް ބޮޑު ލުޔެއް ލިބުނެވެ. އެއާ އެކު ގިނަ ބަޔަކަށް ހީޓް ޕެޗް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށީ އެވެ. ފުރަތަމަ ބެޗްތައް ގެނެސް އާއިލާ އާއި ރައްޓެހިންގެ މެދުގައި ބަހައި ޚިޔާލު ހޯދައި ޓެސްޓްކުރި އެވެ. ފަހުން މިފަދަ އެއްޗެއް ރާއްޖެ ގެނެސް، ސްޓޮކްކޮށް ގިނަ ދުވަހަށް ކޮލިޓީ ހިފަހައްޓައި ބެހެއްޓޭނެ ގޮތްތައް ބަލައި މީގެ ފައިދާތަކާ ބެހޭގޮތުން ދިރާސާ ވެސް ކުރި އެވެ. މިކަމުގައި ދެމީހުންނަށް ލިބުނު އެންމެ ބޮޑު އެހީ އަކީ މެކޭނިކަލް އިންޖިނިއަރަކަށްވުމުން ހައްލުހޯދަން އެކި ގޮތްގޮތުން ގެނެވުނު ވިސްނުންތަކާއި، އަންހެނުންގެ ސިއްހީ ދާއިރާގެ ތަޖުރިބާ އެވެ.

"ފުރަތަމަ ސްޓޮކް ގެނެސް ބޭނުންވި ވަރަށް ޝެލްފްލައިފެއް ނުލިބުނު. އެހެންވެ އަނެއްކާ އަލުން ވަރަށް ރިސާޗްކޮށްގެން ބަދަލުތަކެއް ގެނެސްގެން މިހާރު މި ކުރިއަށްދާގޮތަށް މިކަން މި ކުރެވެނީ. "

ގެންގުޅެން ފަސޭހަ، އެފެކްޓިވް އަދި ގިނައިރު ބޭނުންކުރެވޭ

"އިޔާޝީ ހީޓް ޕެޗް" ގައި ހިމެނެނީ މުޅިން ވެސް ގުދުރަތީ ބާވަތްތަކެވެ. އެއީ، އަޔަން ޕައުޑާ، ލޮނު، ވާމިސިއުލައިޓް (ކްލޭ) އަދި ޗާކޯލް އެވެ. ކުޑަކުޑަ ޕެކެޓެއްގައި ހީޓް ޕެޗް ޕެކްކޮށްފައި ހުންނައިރު، އަތްދަބަހުގައި ބޭނުންކޮންމެ ތާކަށް ވެސް ހީޓްޕެޗް ހިފައިން ދަތުރުކޮށްލެވޭނެ އެވެ. ދަށްބަނޑުގައި ނުވަތަ އުނަގަނޑުގައި ޖެހޭހެން އަންނައުނުގައި ފަސޭހައިން ޕެޗު ހަރުކޮށްލެވޭނެ އެވެ. ގާތްގަނޑަކަށް އަށް ގަޑިއިރުވަންދެން ހީޓް ޕެޗް މަސައްކަތްކުރާނެކަމަށް އިޔާޝީއިން ބުނެ އެވެ.

ހީޓް ޕެޗް އެކަންޏެއް ނޫން، ކުރިން ނުދައްކާ އެތައް ވާހަކަ

މިފަދަ މުހިންމު އަދި ގިނަބަޔަކު ބޭނުންޖެހިފައިވާ އެއްޗެއް ދިވެހި މާކެޓަށް ގެނެސް ވިއްކާލުމަކީ މިފަދަ މަސައްކަތެއްގެ ފަސޭހަ ބައެވެ. ނަމަވެސް ޒަމާންތަކަކަށް އަހަރެމެންގެ ތެރޭގައި ޕީރިއަޑްގެ ވާހަކައަކީ "ސިއްރު" ވާހަކައެއްގެ ގޮތަށް ވިސްނިފައި އޮތް ވިސްނުމާއި، މިފަދަ ދުވަސްވަރެއްގައި އަންހެނުންނަށް ކުރިމަތިވާ އުނދަގޫތަކާއި ތަޖުރިބާތަކުގެ ވާހަކަ ދައްކާ މީހުން ހޭލުންތެރިކުރުމަކީ މި މަސައްކަތުގެ އުނދަގޫބައެވެ. އިޔާޝީ އޮތީ މި ޒިންމާ ވެސް ކޮނޑުއަޅައިގެންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިޔާޝީ މަގުބޫލުވެގެން ދިޔަ ސަބަބަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ. ހޫނުފެން އަޅައި، ބޭސްކައިގެން ކެތްކޮށްލައިގެން ތިބުން ނިމުމަކަށް އައިސް، ޕީރިއަޑް ސިއްހަތާއި، މި ދުވަސްވަރު އަންހެން ކުދިންނަށާއި އަންހެނުންނަށް ކުރިމަތިވާ އުނދަގޫތަކުގެ ވާހަކަތައް ފިލްޓަރެއްނެތި ބަންޑުންކޮށްލަން ލިބުނު މި ޕްލެޓްފޯމަކީ ޕީރިއަޑްވުމާ ގުޅޭ ސިއްހީ އެތައް މައުލޫމާތެއް ލިބޭ އެއް ޕޭޖެވެ.

"ބައެއް ފަހަރު ހޫނުފެންހަން މާ ހޫނުކޮށް މާ ގިނައިން ބޭނުންކޮށްގެން އެ އޭރިއާގައި އިތުރަށް އަސަރުނުކޮށް ވެސް އެބަހުރި. ނޫނީ ބައެއްފަހަރު ބާން މާކްސް ވެސް އަރާ ފެން ހަން މާ ހޫނުވެގެން، އޭގެ ބަދަލުގައި ހީޓް ޕެޗަކީ ގިނަގިނައިން ބޭނުންކުރަންޖެހޭ ނަމަ މާ ސޭފް ގޮތެ،އް" އިޔާޝީ އިން ބުންޏެވެ.

ޕީރިއަޑްގެ ފުރަތަމަ ދުވަހު ގިނަ ބަޔަކަށް ވަރަށް ބޮޑަށް ތަދުވެ، އެކިކަހަލަ އުނދަގޫތައް ދިމާވާއިރު ރާއްޖޭގައި ޕީރިއަޑާ ގުޅިގެން ސަލާންބުނުމާއި ގޭގައި މަސައްކަތްކުރަން ހުއްދަ ދިނުމާއި ނުވަތަ ވަޒީފާގެ ގަޑިކުރުކޮށްލުން ފަދަ އިނާޔަތެއް ލިބެނީ މަދު ތަނަކުންނެވެ. އެފަދަ ކަމަކަށް އެދުމަކީ ވެސް މީހާ ބޭޒާރުވެ ބަދުނާމުވާ ކަހަލަ ކަމަކަށް ގިނަ ފަހަރު އޮންނަނީ ވެފަ އެވެ.

އިޔާޝީ މި ނަމަކީ ޖަޕާނު ބަހުން "ހީލިން" ނުވަތަ "ސޫތިން" އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރަސްމީކޮށް އިޔާޝީގެ މަސައްކަތް ފަށައި، އާންމުންނާ ހިސާބަށް ޕޭޖެއްގެ ގޮތުގައި ގެނެވުނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. މިއީ މި ޕޭޖުގެ ފަރާތުން އަހަރެމެންނާ ހިސާބަށް އައި ފުރަތަމަ ޕްރޮޑަކްޓެވެ. ނަމަވެސް ކުރިއަށް ވެސް އަންހެނުންގެ ސިއްހަތާ ގުޅޭ ތަފާތު ބާވަތްތަކުގެ ޕްރޮޑަކްޓްތައް މާކެޓަށް ނެރެން ވިސްނަމުން އަންނަ ކަމަށް ޕޭޖުގެ ފަރާތުން ބުންޏެވެ.