ސައުދީ އަރަބިއްޔާ އިން ދިވެހިންނަށް 350 އަށް ވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގައި ހުންނަ ސައުދީގެ އެމްބަސީގެ ނޫސްބަޔާނެއްގައި ބުނީ، އެކި ދާއިރާތަކުން އެ ގައުމުގައި ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހިންނަށް "ފުލީ ފަންޑެޑް" 350 އަށް ވުރެ ގިނަ ސްކޮލަޝިޕްގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
ބެޗެލާސް ޑިގްރީ އާއި ޕޯސްޓްގުރެޖުއޭޓް އަދި ޕީއެޗްޑީ އަށް ކިޔެވުމުގެ ފުރުސަތު އެ ސްކޮލަޝިޕްތަކުގެ ދަށުން ލިބޭނެ ކަމަށް ސައުދީ އެމްބަސީން ބުންޏެވެ.
ސްކޮލަޝިޕް ލިބޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ؛
- ބިޒްނަސް މެނޭޖުމަންޓް.
- މީޑިއާ.
- ކޮމްޕިއުޓާ ސައިންސް.
- ލޯ ސައިންސް.
- އެޑިއުކޭޝަނަލް ސްޕެޝަލިޓީސް.
- ސޯޝަލް ސައިންސް.
- ދަނޑުވެރިކަން.
- އިގުތިސާދާއި ސިޔާސީ ދާއިރާ.
- އިންޖީނިއަރިން.
- އިސްލާމީ ތައުލީމު.
- އަރަބި އަދި އެހެން ބަސްބަހުގެ ކޯސްތައް.
ސައުދީ އެމްބަސީން ބުނީ، އެހެން ގައުމުތަކުގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން އެ ގައުމުގެ ސަރުކާރުން ހަދާފައިވާ ހާއްސަ ވެބްސައިޓް https://studyinsaudi.moe.gov.sa މެދުވެރިކޮށް، އެ ދަރިވަރަކު ބޭނުންވާ ޔުނިވާސިޓީއަކަށް ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އެ އެމްބަސީން ބުނީ، ސައުދީއަކީ މިހާރު އަރަބި ގައުމުތަކުގެ ތެރެއިން މަތީ ތައުލީމު އެންމެ ރަނގަޅަށް ދޭ ގައުމު ކަމަށެވެ. އެ ގައުމުގެ ޔުނިވާސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ދުނިޔޭގެ ރޭކިންގައި ވެސް ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި މިހާރު ވެސް ސައޫދީގައި ހިންގާ 27 ޕްރޮގްރާމް ދުނިޔޭގެ ރޭކިންގެ އެންމެ މަތީ 100 ގެ ތެރޭގައި ހިމެނޭ ކަމަށް އެ އެމްބަސީން ބުންޏެވެ.
ސައުދީގެ އެކި ޔުނިވާސިޓީތަކުގައި މިހާރު ވެސް އެހެން ގައުމުތަކުގެ 50،000 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ކަމަށް ސައުދީ އެމްބަސީން ބުންޏެވެ.