ކ. ހިންމަފުށީ އައްސޭރި ޖަލަށް، ޑްރޯން ބޭނުންކޮށްގެން ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑްރޯންއެއް ބޭނުންކޮށްގެން އެ ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނީ މިއަދުގެ ހެނދުނު ކަމަށެވެ.
“ޖަލު ބަލަހައްޓާ އޮފިސަރުންނަށް އެކަން އެނގިގެން ހުއްޓުވީ،” އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ޑްރޯން އިން ޖަލަށް އެތެރެކުރަން އުޅުނީ މަސްތުވާތަކެތި ހުރި ފަސް ބުލެޓެވެ. އޭގައި 29 ގްރާމް ހުއްޓެވެ. އެއާ އެކު ފަސް ސިމް ކާޑު ވެސް ފޮނުވި އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.
ޖަލުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ މީގެ ކުރިން ވެސް އެކި ފަހަރު މަތިން ފެންމަތިވެފައިވެ އެވެ. އެކަން ހުއްޓުވަމަށް ކަރެކްޝަންސް އިން އަންނަނީ އެކި ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ.