އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވިތާ ދެ އަހަރެއްހާ ދުވަސް ފަހުން އާ މެމްބަރުން އައްޔަންކޮށްފި އެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހުގައި ފަސް މެމްބަރުން ތިއްބެން ޖެހެ އެވެ. ނަމަވެސް، އެ ތަނުގައި މިހާތަނަށް ހުންނެވީ ރައީސްގެ މަގާމު ފުރުއްވާ ޑރ. މުހައްމަދު ރަޝީދު އިބްރާހިމް އެކަންޏެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ޔޯގާގެ މައްސަލަ ހޫނުވިއިރު ވެސް އެ ފަދަ ދީނީ މައްސަލަތަކުގައި ފަހު ބަސް އިއްވާ ފަތުވާ މަޖިލިސް "ވާ" ވެފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ މަޖިލީހުގައި އެންމެ މެމްބަރެއް ހުންނެވިއަސް މައްސަލަތަކުގައި ފަތުވާ ނެރެވޭނީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.
ފަތުވާ މަޖިލިސް އަލުން އެކުލަވައިލުމުގެ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ފަތުވާ މަޖިލިހަށް ހަތަރު މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެކަމަކު، އެއީ ކޮން ބޭފުޅުންތަކެއް ކަމަށް ވިދާޅެއް ނުވެ އެވެ.
މިހާރު އެ މަޖިލިހުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.
މީގެ 15 އަހަރު ކުރިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ގައި އުފެއްދި ފިގުހު އެކަޑެމީ ގަވައިދެއްގެ ދަށުން ވަރަށް ރަނގަޅަށް ހިންގަމުން އައިސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ގާނޫނެއްގެ ތެރެއިން ބާރުވެރިކަން ދިނެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އެ އަހަރު ގެނައި އިސްލާހެއްގެ ދަށުން ޔާމީންގެ ވެރިކަމުގައި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އުފެއްދި އެވެ.
ޔާމީންގެ ސަރުކާރުގައި ވެސް ފަތުވާ މަޖިލިސް ވަރަށް ރަނގަޅަށް ހިންގަމުން އައި ނަމަވެސް އެ މަޖިލިހުގެ ފަސް މެމްބަރުންގެ މުއްދަތު 2021 ވަނަ އަހަރު ހަމަވުމާއެކު، އެ ހިސާބުން މި ސަރުކާރުން ކުރަން ޖެހޭ ކަންކަން ނުކުރުމުން ހުރިހާ ކަމެއް ބޮއްސުންލައިގެން ދިޔައީ އެވެ.
ފަތުވާ މަޖިލިހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް އެ މަޖިހުގައި މިހާރު ފުރުއްވަމުން ގެންދަވަނީ އޭނާގެ ދެވަނަ ދައުރެވެ. އޭނާގެ މަގާމުގެ ދައުރު ހަމަވާނީ 2027 އަށެވެ.