މަޖީދީ މަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ފެން ބިލް ނުދައްކައިގެން މިއަދު ފެން ކަނޑާލައިފި އެވެ.
ނަމަވެސް މާލޭ ސިޓީ ކައުންސިލުން އެކަން މީޑިއާތަކަށް ތިލަ ކުރުމާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބިލްތައް ނުދައްކައި ހުރުމުން ޒިކުރާ މިސްކިތުން މިއަދު މެންދުރު ފެން ކަނޑާލި ކަމަށެވެ. ނަމަވެސް ބިލްތައް ދެއްކުމުން އެމްޑަބްލިއުއެސްސީން މިހާރު ފެން ގުޅައި ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހުޅުވީ 2021 ވަނަ އަހަރު އެވެ.
ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީ އަށް މިއަދު ފޮނުވި ސިޓީއެއްގައި ވާ ގޮތުން، ޒިކުރާ މިސްކިތުގެ ފެން މީޓަރު ހުރީ އިސްލާމިކް މިނިސްޓްރީގެ ނަމުގަ އެވެ. ފެން ކަނޑާލީ ބިލް ނުދައްކައިގެން ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ، އެ މިސްކިތް ހުޅުވި ދުވަހުން ފެށިގެން މިހާތަނަށް އެ މީޓަރުގެ ބިލަށް އެއްގޮތަކަށް ވެސް އިސްލާމިކް މިނިސްޓްރީން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. ނަމަވެސް ނުދައްކާ އޮތީ ކިތައް ބިލް ކަމެއް އަދި ނުދައްކާ އޮތީ ކިހާ އަދަދެއް ކަމެއް ނުބުނެ އެވެ.
ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒު ފިޔަވައި، މާލޭގައި ހުރިހާ މިސްކިތެއް ވެސް ބަލަހައްޓަމުން އަންނަނީ ސިޓީ ކައުންސިލުންނެވެ. ކައުންސިލުން މި އަހަރު ވަނީ މިސްކިތްތައް މަރާމާތު ކުރުމަށް ފަންޑެއް ވެސް ހުޅުވައިފަ އެވެ.