ޕީޕީއެމް ސެނެޓުގެ ކޮންޓްރޯލް ނަގަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ޕާޓީގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފި އެވެ.
މުއިއްޒަށް ކުރެވޭ މި ތުހުމަތު އޭނާ ދޮގުކުރެއްވީ، މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ބޭއްވި ނިއުސް ކޮންފަރެންސްގަ އެވެ.
ސެނެޓުގެ ކޮންޓްރޯލް ނެގުމަށް ޕީޕީއެމްގެ ގިނަ ބަޔަކަށް ސިޓީ ކައުންސިލުން ވަޒީފާ ދޭ ކަމަށް ކުރެވޭ ތުހުމަތާ ގޮތުން ނޫސްވެރިއަކު ތަކުރާރުކޮށް ސުވާލުކުރުމުން މުއިއްޒު ވިދާޅުވީ އެފަދަ ކަމެއް ކުރައްވަން އޭނާ ނޫޅުއްވާ ކަމަށެވެ.
އަޅުގަނޑެއް ނުކުރާނަން [ސެނެޓުގެ ކޮންޓްރޯލް ނަގަން ނޫޅޭނަން] މި ދެންނެވީއެއް ނޫންތޯ. އަޅުގަނޑު ނުކުރަމޭ ސިޔާސީ ބޭނުމެއްގައެއް އަޅުގަނޑުގެ އަމިއްލަ ކަމެއް: މުއިއްޒު
"އަޅުގަނޑަކީ މީހުން އަދި ދައްކާހާ ވާހަކައެއް ހަގީގަތަކަށްވާ ގޮތަށް ކަންކަން ކުރާ މީހެއް ނޫން އިނގޭތޯ. އަޅުގަނޑުގެ ޕްރޮފެޝަނަލް މިންގަނޑު ދޫކޮށްލާފައި ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. ބަޔަކު އަދި ވާހަކައެއް ދެއްކިޔަސް އެއީ ހަގީގަތަކަށް ވާކަށް ނުޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑެއް ނުކުރާނަން [ސެނެޓުގެ ކޮންޓްރޯލް ނަގަން ނޫޅޭނަން] މި ދެންނެވީއެއް ނޫންތޯ. އަޅުގަނޑު ނުކުރަމޭ ސިޔާސީ ބޭނުމެއްގައެއް އަޅުގަނޑުގެ އަމިއްލަ ކަމެއް."
ކައުންސިލުން އެންމެފަހުން "މިހާރު" އަށް ދިން މައުލޫމާތުގައިވާ ގޮތުން އެތަނުގައި ކޮންސަލްޓެންޓުންގެ ގޮތުގައި 13 މީހުން މަސައްކަތްކުރެ އެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި، އެއީ ޕީޕީއެމްގެ ވަކި ބަޔަކަށް ވަޒީފާ ދިނުމަށް ކުރި ކަމެކެވެ. އެކަމަކު، ސިޓީ ކައުންސިލުން އެ ވާހަކަ ދޮގުކޮށް ބުނެފައި ވަނީ ވަޒީފާތަކަށް މީހުން ނަގަނީ ވަކި ޕާޓީއަކަށް ނުބަލައި އުސޫލުގެ ތެރެއިންނެވެ.
ސެނެޓުގެ ކޮންޓްރޯލް ނަގަން އުޅޭ ވާހަކަ މުއިއްޒު ދޮގުކުރެއްވި ނަމަވެސް، ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒް، މުއިއްޒަށް ކެމްޕެއިން ކުރައްވަން އުޅޭ ކަމުގެ ތުހުމަތުކޮށް އޭނާ ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ހާޒިރުކުރަން އުޅުމުން ވަނީ ޕާޓީން އިސްތިއުފާ ދެެއްވައިފަ އެވެ.
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނައިރު، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދީފައިވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދިވެސް ޖަލުގައި ހުންނެވުމުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުންތައް ބޮޑު ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު، ޕީޕީއެމުން ތަކުރާރުކޮށް ބުނަމުން އަންނަނީ ޔާމީން މިނިވަންވެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.