ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ މެލޭރިއާ އަށް ރާއްޖޭގައި މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ބައްޔަށް ޕޮޒިޓިވްވީ މިދިޔަ ހަފުތާގައި ޑޮކްޓަރަށް ދެއްކި އިންޑިއާ މީހެކެވެ.
މި މީހާ އަކީ ޖެނުއަރީން ފެށިގެން ރާއްޖޭގައި އުޅޭ މީހެއް ކަމަށް ވަނީ އެނގިފަ އެވެ. އޭނާ އަށް ޖެހިފައިވަނީ މެލޭރިއާގެ ނުރައްކާ ކުޑަ ވައްތަރެކެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ ބަހެއް އަދި ނުލިބެ އެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ ރާއްޖެއިން ނައްތާލީ 2015 ވަނަ އަހަރު އެވެ. މެލޭރިއާ ނައްތާލާފައިވާ ގައުމެއްކަން ކަނޑައަޅައި އެކަމުގެ ލިޔުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ހަމަ އެ އަހަރު ވަނީ ރާއްޖެއަށް ދީފި އެވެ.
ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ވެސް ރާއްޖެ އެވެ.
މި ދުވަސްވަރު ރާއްޖޭގައި އަރިދަފުސް ރޯގާއި އާއި ވައިރަލް ހުން ވަރަށް ބޮޑަށް އަންނަނީ ފެތުރެމުންނެވެ. އަދި ކޮވިޑް ޖެހިގެން ހާލު ބޮޑުވާ މީހުން އިތުރުވާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.