ސިނަމާލެ ބްރިޖް މަރާމާތު ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު ޗައިނާގެ ސީސީސީސީ ކުންފުންޏާއެކު އިތުރުކުރުމަށް ސަރުކާރުން ނިންމައި އޭގެ އަމަލީ ކަންކަން ފަށައިފި އެވެ.
ސީސީސީސީއަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ކުންފުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮގަސްޓް، 2018 ގައި ބްރިޖު ހުޅުވި ފަހުން މިހާތަނަށް ވެސް އެ ތަން މަރާމާތުކުރަމުން ދިޔައީ ސީސީސީސީންނެވެ. އެކަމަކު، އެ އެއްބަސްވުމުގެ މުއްދަތު މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ހަމަވެފަ އެވެ.
ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް މިއަދު ވިދާޅުވީ ބްރިޖް މަރާމާތުކުރުމުގެ އެއްބަސްވުން އާ ކުރުމަށް ސީސީސީސީ އިން ރާއްޖެ އައިސް ސާވޭ ކޮށްފައިވާ ކަމަށެވެ. އެއްބަސްވުމުގެ ލިޔެކިޔުންތަކުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އެއްބަސްވުން ހަމަވިއަސް ސީސީސީސީގެ މުވައްޒަފުން އަންނަނީ ބްރިޖް މަރާމާތުކުރަމުންނެވެ. އެކަމުގައި ޕްލޭނިން މިނިސްޓްރީގެ މުވައްޒަފުން ވެސް ބައިވެރިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"ބޮޑެތި މަރާމާތުތައް މި ކުރަނީ ސީސީސީސީ އިން. މި ބަލަނީ ޗައިނާ ސަރުކާރުން މި ކަންތައްތައް ކޮށްދޭނެ ގޮތްތައް އޮތްތޯ،" އަކްރަމް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވަނީ ބްރިޖުގެ ނަން ޖަހާފައިވާ ތަނުން އަކުރެއް ވެއްޓިފައި އޮތުމުން އެކަން ރަނގަޅު ކޮށްދޭނީ ކާކުތޯ ވަރަށް ފަހުން ސުވާލު އުފައްދަވައިފަ އެވެ.
އަކްރަމް ވިދާޅުވިގޮތުގައި، ސިނަމާލެ ބްރިޖުގެ ނަމުން އަކުރެއް ވެއްޓިއްޖެ ނަމަ މަރާމާތު ކުރެ އެވެ. ބައެއް ފަހަރު އެކަން ނުވާ ނަމަ ސީސީސީސީ ކުންފުންޏާ ވެސް ހަވާލުކުރެ އެވެ.
"ބްރިޖު ހުޅުވިތާ ކުރީކޮޅު ވެސް ބޮކިތަކުގެ މައްސަލަ ދިމާވި. އެކަން ހައްލުކުރަން މަސައްކަތްތަކެއް އެބަކުރަން،" އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބްރިޖް މަރާމާތު ކުރުން ހަރުދަނާ ގޮތެއްގައި ކުރިއަށް ނުގެންދެވުނީ ކުރިން އެކަން ހަވާލުކުރި ގޮތުން ކަމަށެވެ.
ސިނަމާލެ ބްރިޖަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ހަރަދުވި އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރު ލޯނެއްގެ ގޮތުގައި ޗައިނާ އިން ދިން އިރު ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.